އެންމެ ފުރަތަމަ ކަނޑުމައްޗަށް ނުކުތީ އުމުރުން ނުވަ އަހަރުގައި ކާފައާ އެކީގަ އެވެ. ކާފަ މަހަށްދާއިރު އޭނާ ގޮވައިގެން ކާފަ ދަނީ ކަނޑުމައްޗަށް އޭނަ ހުންނަ ޝައުގެއްގެ ބޮޑުކަމުން ނެވެ. ރިޔަލު ދޯނީގައި އޭނަ ކާފައާ އެކީ ދަނީ ހަމައެކަނި މަހަކަށް ނޫނެވެ. ރާއްޖޭގެ ރަށްތަކަށް އޭރު ވެސް ކާފައާ އެކީގައި ދަތުރުކޮށް އުޅުނެވެ. މިއީ ކަނޑުގެ ބިޔަ ރާޅުތައް ކަފަމުން، މުޅި ރާއްޖެ ވަށާ ދަތުރު ކުރުމަށް ފަހު މިއަދު އެނބުރި މާލެ އަންނަ ށ. ފޭދޫ އަށް އުފަން އަބްދުލްގަފޫރު އަލީ (ގައްބެ) 42، މުޅި ރާއްޖެ ވަށާ ދަތުރު ކުރުމަށް ޝައުގުވެރިވި ކަންތަކެވެ.

ގައްބެ: އޭނާ ބުނީ އުމުރުން ނުވަ އަހަރުން ފެށިގެން މުޅި ރާއްޖެ ވަށާ ދަތުރު ކުރުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށް -- ފޮޓޯ/ އެޓޯލް ސެއިލާ

"އެގޮތަށް ކާފައާ އެއްކޮށް ކައިރީގައި އޮންނަ ކޮށެނބި ކިޔާ ރަށަކުން އައި ދުވަހެއްގައި މިހެން ހަމަ އާދައިގެ މަތީން މަސް ބާނައިގެން އައިސް އެރޭ އިރު އޮށްސޭއިރު ކާން ތިބެފައި ކާފަ އެހެން އިނދެފައި ބުނަނީ މީގެ ދޯންޏެއްގައި [ރިޔަލު ދޯންޏެއްގައި] ރާއްޖެ ވަށާ ބުރެއް ޖެހިދާނޭ. އެހިސާބުން ގައްބެގެ ސިކުނޑިއަށް އިންނަނީ އޭތި އައިއްސަ،" ގައްބެ "ސަން" އާ ވާހަކަދައްކުމުން ބުންޏެވެ.

އެ ދުވަހަށް ފަހު ގައްބެގެ ހުވަފެނަކަށް ވެފައި ވަނީ އެކަން ހަގީގަތަކަށް ހެދުމެވެ. އެހެންކަމުން އޭނާ ރިސޯޓުގައި ވަޒީފާ އަދާ ކުރާ އިރު ވެސް ކަޓަމަރާނަކަށް އަރާ ކޮންމެ ފަހަރަކު އޭނާ އެންމެ ކުޑަ ދުވަހު ކާފަ އޭނާ ގާތު ދެއްކި ވާހަކަ ހަގީގަތަކަށް ހެދުމުގެ އަޒުމު އާ ކުރެ އެވެ.

ގައްބެ ޅ. ނައިފަރަށް އެރުމަށް ފަހު އެ ރަށުގެ އެކި އުމުރު ފުރައިގެ މީހުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން: ގައްބެ ބުނީ ދަތުރު ކުރުމުގައި އެންމެ ބޮޑު ހިތްވަރެއް ނިބެނީ ރައްޔިތުންގެ ސަޕޯޓުން ކަމަށް -- ފޮޓޯ/ އެޓޯލް ސެއިލާ

"ކޮންމެ ފަހަރަކު ކަޓްމަރާނަކަށް ނުވަތަ ސެއިލް ކުރާ އެއްޗަކަށް އަރާއިރު ހިތަށް އަރާ ވަރަށް ކުރީގައި ވެސް ކޮން ދުވަހަކުން ބާއޭ ކާފަ ގައްބެ ކައިރީގައި އެ ބުނި ކަންތައް ގައްބެއަށް ކުރެވޭނީ. ދެން ހަމައެކަނި ގައްބެގެ ހިތަކު ނޫން އެހެން އޮންނާނީއެއް، ހުރިހާ ސެއިލަރުން ވެސް ބޭނުންވާނެ އެކަން ކުރަން،" ގައްބެ ބުންޏެވެ.

މިއަދު ގައްބެ ހުރީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި އޮތުމުން އެކަމާ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އަށާރަ ފޫޓުގެ ކަޓްމަރާނެއްގައި މިއަދު ގައްބެ އެނބުރި މާލެ އަންނައިރު އޭނާ ބުނީ ފަޅުރަށްތަކާ އެއްކޮށް 100 އަށް ވުރެ ގިނަ ރަށްތަކަށް މަޑުކުރެވިފައިވާ ކަމަށެވެ.

ހެނދުނު ވަގުތު ގައްބެ ރަށަކުން ފުރަނީ: ފޮޓޯ/ އެޓޯލް ސެއިލާ

ގައްބެ ބުނި ގޮތުގައި މިއަދު އެނބުރި އޭނާ މާލެއަށް އަންނައިރު 1905 ނޯޓިކަލް މޭލު ހަމަވާނެ ކަމަށެވެ. އަދި މުޅި ރާއްޖެ ވަށާ ބުރު ޖެހުމަށް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގައްބެ ފުރިފަހުން މުޅި ދަތުރަށް 304 ގަޑިއިރު މާދަމާ އަށް ހަމަވާނެ ކަމަށް އޭނާ ބުންޏެވެ.

"ގައްބެ އަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ މި ދަތުރުގައި ގައްބެއާ ބައްދަލުވި މީހުންގެ އަދަދެއް. އެއްގޮތަކަށް ވެސް ނޭނގެ. ކުޑަކޮށް ވެސް ބުނެދޭކަށް ނޭނގެ. އިނގޭ އެއްޗަކީ ގައްބެއަށް ތަފާތު ވައްތަރުގެ ތަފާތު މިޒާޖުގެ މީހުންނާ ގައްބެއަށް ބައްދަލުވިކަން. [ހިނިގަނޑެއް ޖަހާލުމަށް ފަހު] ހިޔާލަކަށް ވެސް ނާދޭ މީހަކު ތިހެން އަހާފާނެ ކަމަކަށް ވެސް. ކޮންސެންޓްރޭޓު ވެސް ނުކުރެވޭ އެކަމަކަށް. ގައްބެގެ އެންމެ ބޮޑު ކޮންސަންޓްރޭޝަނެއް ދީގެން އުޅޭ ކަމަކީ މިއަދު މި އިންނަ ޑިސްޓޭންސް ކަވަރު ކުރުން،" ގައްބެ ބުންޏެވެ.

ގައްބެ ރަށެއްގެ ޒުވާން ބޮޑުބެރު ގުރޫޕަކާއި އެކު: ފޮޓޯ/ އެޓޯލް ސެއިލާ

ގައްބެ ގަބޫލުކުރާ ގޮތުގައި ކަޓްމަރާނެއްގައި އޭނާއަށް މުޅި ރާއްޖެ ވަށާ ދަތުރު ކުރެވިގެން ދިޔައީ ދިވެހި ރައްޔިތުންގެ ސަބަބުންނެވެ. އަދި ކޮންމެ ރަށަކަށް ފޭބުމަށް ފަހު ގައްބެއަށް ފެންނަ އުފާވެރި މަންޒަރާއި ގައްބެއަށް ރަށްރަށުގެ ރައްޔިތުންދޭ ސަޕޯޓަކީ އެ ދަތުރުގައި ގައްބެއަށް ލިބިގެން ދިޔަ އެންމެ ބޮޑު ހަކަތަ ކަމަށް ގައްބެ ބުންޏެވެ.

"ގައްބެގެ އެނާޖީއަކީ ދިވެހި ރައްޔިތުން. ކޮންމެ ރަށަކަށް އަރާއިރު ގައްބެ އަށް އެ ފެންނަ މޫނުތައް. ރާއްޖޭގެ ރައްޔިތުން ގައްބެ ލައްވާ ކުރުވި ކަމެއް މިކަމަކީ ގައްބެ ގަބޫލުކުރާ ގޮތުގައި،" ގައްބެ ބުންޏެވެ.

ގައްބެގެ ކަތަމާރުނުގައި ކަނޑު މަތީގައި: ގައްބެ ބުނީ ދެ ފަހަރެއްގެ މަތީން އޭނާ ކޮޅި ގަނޑެއްގައި ޖެހި ކަތަމަރާނު ބަންޑުން ޖަހާލި ކަމަށް -- ފޮޓޯ/ އެޓޯލް ސެއިލާ

ދިވެހިންނަށް ސެއިލިން ދަސްކޮށްދިނުމުގައި 15 އަހަރަށް ވުރެ ގިނަ އަހަރު ވޭތުކޮށްފައިވާ ގައްބެ މިއަދު ހުރީ މުޅިން ފިޓުވެފަ އެވެ. ގައްބެ ބުނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކު މަދުވެގެން އަށް ގަޑިއިރު ކަނޑުމަތީގައި އޭނާ ހޭދަކުރާ ކަމަށެވެ. އަދި އޭނާ ކުރިއަށް ވުރެ ފިޓު ކަމަށް ވެސް އޭނާ ބުންޏެވެ.

"ގައްބެގެ ހަށިގަނޑަށް ބަދަލެއް އައި ކަމަކަށް ގައްބެއަކަށް ފާހަގައެއް ނުކުރެވޭ. މި ދަތުރަށް ފެއްޓުމުގެ އަށް މަސް ކުރިން މިކަމަށް ހާއްސަ ޑައިޓެއް ގައްބެ ދިޔައީ ޕްރެކްޓިސް ކުރަމުން. ދެން މި ދަތުރުގައި ވެސް އެކަން މި ކުރަނީ. ގައްބެ ކަނީ ހެނދުނު. އެއީ ތަނަކުން ނައްޓާލުމުގެ ކުރިން. މިސާލަކަށް ފޯގަ ނައްޓާލާ ކަމަށް ވަންޏާ އޭގެ ހާފްއެން އަވާ ކުރިން ކަނީ،" ގައްބެ ބުންޏެވެ.

ގައްބެ ތުއްތު ކުއްޖަކު އުރައިގެން: ގައްބެ ބުނީ މިއަދު އޭނާ މާލެ އަންނައިރު 1905 ނޯޓިކަލް މޭލަށް ދުއްވޭނެ ކަމަށް -- ފޮޓޯ/ އެޓޯލް ސެއިލާ

އޭނާ ބުނީ ދަތުރު ފުރަތަމަ ފެއްޓިއިރު އޭނާ ކަނީ ދުވާލަކު ފެނު ކެއްކި ބިހުގެ އަށް ބިސް ކަމަށެވެ. އަދި ގިނައިން ފެން ބޯ ކަމަށް ވެސް ގައްބެ ބުންޏެވެ.

"ދެން އިންނަ ޑިސްޓެންސަކަށް ދަންދެން ހަމަ އެހެން އުޅެނީ. އެގޮތަށް އެކަން ކޮންޓިނިއުސް ކުރީ. ދެން މިހާރު ދަތުރު ނިމެންދެން ދެއްތޯ މި ދަނީ. މިހާރު ދެން މިކަނީ ހަތަރު ފެނު ކެއްކި ބިސް." ގައްބެ ބުންޏެވެ.

މީގެކުރިން ގައްބެއޭ ބުނުމުން މީހުންނަށް އެއީ ކާކުކަން ނޭނގުނަސް މިއަދު އެންމެ ތުއްތު ކުއްޖާއަށް ވެސް ގައްބެއަކީ ކާކުކަން އެނގޭނެ އެވެ. މިއަދު އޭނާ އަކީ ރާއްޖެ ވަށާ ރިޔަލެއްގައި ފުރަތަމަ ފަހަރަށް ދަތުރު ކުރި މީހާގެ ލަގަބު ހޯދާފަ އެވެ. މިއަދު އޭނާ ވަނީ ގިނަބައެއްގެ ލޯބި ހޯދާފަ އެވެ. ގައްބެ އަރާ ކޮންމެ ރަށަކުން ވެސް އޭނާ އަށް ލިބެނީ އުފާވެރިކަމެވެ. އޭނާ އަށް ލިބެމުން ދަނީ އިތުރު ހިތްވަރެވެ. ގައްބެ ބުނީ އޭނާ އެރި ކޮންމެ ރަށަކުން ވެސް ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައިވާ ކަމަށެވެ. ގައްބެ ކުރަމުން އެ ދަނީ ހަމައެކަނި އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތެއް އެކަންޏެއް ވެސް ނޫނެވެ. އޭނާގެ އެ ދަތުރުން މުޅި ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުރަށް އިޝްތިހާރުވެއްޖެ އެވެ. ގައްބެ ކުރި ހިތްވަރަށް އަށްސަރިބަހާ ސާބަސް ދެމެވެ.

ގައްބެގެ ކަތަމަރާނުގައި ރާއްޖޭގެ ރަށަކަށް ކައިރި ކުރަނީ: މި ދަތުރު ގައްބެ މިއަދަށް ނިންމާލާއިރު ގައްބެ ބުނީ 304 ގަޑިއިރު ދަތުރަށް ހޭދަވި ކަމަށް -- ފޮޓޯ/ އެޓޯލް ސެއިލާ

ގައްބެ ދަތުރުގެ ހުލާސާ:

  • ރާއްޖެ ވަށައި ދުއްވަން 38 ދުވަސް ހޭދަވި
  • 1905 ނޯޓިކަލް މޭލަށް ދަތުރުކުރި
  • ކަނޑުމަތީގައި 304 ގަޑިއިރު ހޭދަކުރި
  • ދަތުރުމަތީގައި ހަމައެކަނި ކެއީ ކުކުޅު ބިސް
  • ދެ ފަހަރެއްގައި ކޮޅިގަނޑެއްގައި ޖެހި ކަޓްމަރާން ބަންޑުންވި
  • ދަތުރު ފުރިހަމަވީ ރަށްރަށުގެ ރައްޔިތުންގެ ސަޕޯޓުން
  • އެތައް ބަޔަކާ ބައްދަލުވި، އަދަދެއް ވެސް ނޭނގޭ: ގައްބެ

ތާރީހު ދައްކާ ގޮތުން ރާއްޖެ ވަށާ ބުރުޖެހުމުގެ ނިޔަތުގައި މިހާތަނަށް އެއްވެސް މީހަކު ގައްބެ ކުރި ވަރުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ތަނެއް ފެންނާކަށް ނެތެވެ. އެހެންކަމުން ގައްބެ މިއަދު އެ ދަތުރު ނިންމާ މާލެ ފަޅަށް ވަންނާނީ ތާރީހީ ރިކޯޑަކާ އެކުވެސް މެ އެވެ.