08 Mar 2016, 08:46
އިނގިރޭސި ވިލާތުގެ ލަންޑަނުގެ ހީީތުރޯ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި އޮތް މަތިންދާ ބޯޓަކަށް ގަވައިދާ ޚިލާފަށް އެރި މީހަކު، އެ ފްލައިޓުގެ ކޮކްޕިޓަށް ވަދެ އެތަނުގެ ދޮރު ތަޅުލައިފި އެވެ.
މީޑިޔާގައި ރިޕޯޓު ކުރެވިފައިވާ ގޮތުން، މި މީހާ ހީތުރޯ އެއާޕޯޓުގައި ޕާކުކޮށްފައި އޮތް ބްރިޓިޝް އެއާވޭޒްގެ ފްލައިޓަކަށް އެރީ، އެ އެއާޕޯޓުގައި ސެކިއުރިޓީއިން ކޯޑަންކޮށްފައިވާ ސަރަހައްދަކަށް ގަވައިދާއި ޚިލާފަށް ވަނުމަށްފަހު އެވެ.
ބްރިޓިޝް އެއާވޭޒްގެ ބޮއިންގ 747 މަރުކާގެ އެ ފްލައިޓަށް އެމީހާ ގަވައިދާއި ޚިލާފަށް އެރުމަށް ފަހު، ފްލައިޓުގެ ކެބިންގައި އުޅެފައި އޭނާ ދިޔައީ ފްލައިޓުގެ ކޮކްޕިޓަށެވެ. އަދި އެއަށް ފަހު ކޮކްޕިޓްގެ ވަރުގަދަ ދޮރު ވަނީ ތަޅުލައިފަ އެވެ.
މި ހާދިސާއާ ގުޅިގެން މުޅި އެއާޕޯޓުގެ ސެކިއުރިޓީ ސްޓޭޓަސް ވަނީ އެލާޓަށް ގެނެސްފަ އެވެ.
އިއްޔެ ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން ފުލުހުން ވެސް ވަނީ އެއާޕޯޓުގައި ހަރަކާތްތެރިވެފަ އެވެ. އަދި ފުލުހުން ވަނީ އެ ފްލައިޓަށް އަރައި، ކޮކްޕިޓު ތަޅުލި މީހާ ހައްޔަރު ކޮށްފަ އެވެ.
ލަންޑަނުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުން، ގަވައިދާއި ޚިލާފަށް ފްލައިޓަކަށް އެރި ކަމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ލުއީ ޕޭޑްރޯ ވެރްދަސްކާ ދެ ސަންތޮސް ކޮސްޓާ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ކުރެވޭ ކުށުގެ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.
ހީތުރޯ އިންޓަނޭޝާނަލް އެއާޕޯޓަކީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކުރެ އެއް ބަނދަރެވެ. ހީތުރޯ އެއާޕޯޓަކީ އަހަރަކު 75 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދޭ، ދުނިޔޭގެ ހަވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ.