07 Mar 2016, 18:35
ދަތްއަޅައިގެން ޒަހަމްކޮށްލި ދެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން ވެސް ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން)ގެ ޑްރަގްސް ހިމެނޭ ބާވަތެއް ބޭނުންކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ މިސްކިތެއްގައި ހުރި މީހެއްގެ ކަންފަތުގައި ދަތްއަޅައި ޒަޚަމްކޮށް ކަންފަތުން ބައެއް ވަކިކޮށްލި މައްސަލަ އާއި އައްޑޫ ސިޓީގައި ކާރު ޑްރައިވަރެއްގެ އަތާއި ބޮލުގައި ދަތް އަޅައި ޒަޚަމްކޮށްލި މައްސަލާގައި ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެކަމާ ގުޅިގެން މިއަދު ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ދަތް އެޅުމާއި މިނިމަސް ކެއުމަށް މަގުފަހި ވަނީ ޑްރަގުގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ބޭނުން ކުރުމުންނެވެ.

ޓެކްސީ ޑްރައިވަރުގެ އަތުގައި ދަތް އަޅާފައި: އެ މައްސަލާގައި މީހަކު މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އައްޑޫ ލައިވް
އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާކަން މިހާތަނަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ މަސްތުވާ ތަކެތީގެ ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ރިޕޯޓެއްވެސް ފުލުހުންނަށް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން، ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ބޭނުންކޮށްފައި ނުވާކަން އަދި އެ ޑްރަގް ބޭނުންކޮށްފައިވާ މީހެއްގެ ފުށުން މިހާތަނަށް އެއްވެސް މީހަކަށް ރާއްޖޭގައި އަނިޔާއެއް ލިބިގެންގޮސްފައި ނުވާކަމުގެ ޔަގީންކަން ފުލުހުން ވަނީ ރައްޔިތުންނަށް އަރުވާފަ އެވެ.
ފުލުހުން ބުނީ ސޮސައިޓީ ފޮރ ނިއުރޯސައިންސްގެ 2014 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަރުދާހެއްގައި ފާހަގަކޮށްފައިވާގޮތުން ބާތު ސޯލްޓްސް ބޭނުންކުރުމާ “މިނިމަސް ކެއުމަށް ބޭނުންވުމާ” ގުޅުމެއް ވާކަމަށް ނުބެލެވޭ ކަމަށެވެ.