07 Mar 2016, 19:59
ވ. ރަކީދޫ ގެއެއްގެ ތެރޭގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް)އިން ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.
އެޗްއާރްސީއެމްގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް މިއަދު މޫކައި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސާ އާމިނަތު އީނާސް ވިދާޅުވީ، އިބްތިހާލްގެ މައްސަލަ ތަހުގީގުކޮށް ވަރަށް ގިނަ ފަރާތްތަކަށް ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީޖީ އޮފީސް ވެސް ހިމެނޭ ކަމަށް އީނާސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިޕޯޓު ބިނާވެފައި އޮންނާނީ ވަކި ގޮތަކަށް. ޕީޖީގެ ރިޕޯޓު ނޫނީ ޕީޖީ އިން ކުރާ މަސައްކަތްތައް ތަފާތު ވާނެ. އެހެންވީމާ އެޗްއާރްސީއެމް އިން ރިޕޯޓު ނިންމާފަ ފޮނުވީ. ފޮނުވި އިރުގައި އެބޭފުޅުން އެދެވޭ ގޮތަކަށް އަޅުގަނޑުމެންގެ ރިޕޯޓުގައި ހުރި ބައެއް ކަންތައްތައް އުނިވެފައިވާ ކަމަށް ވިދާޅުވެ އަޅުގަނޑުމެންނަށް ފޮނުވީމަ އަޅުގަނޑުމެންގެ ބައި އެބަ ކުރިއަށް ގެންދަން،" އީނާސް ވިދާޅުވިއެވެ.
އީނާސް ވިދާޅުވީ، އިބްތިހާލްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީވެސް ޕީޖީ އޮފީހުގެ މަޝްވަރާ އާއި ލަފާ އާއި އެއްގޮތުގެ މަތިން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ، އިބްތިހާލްގެ މައްސަލަ އެންމެ ފުރަތަމަ އެ ކޮމިޝަނުން ތަހުގީގު ކުރަން ފެށީ އެއްވެސް ފަރާތެއްގެ އެދުމުގެ މަތިން ނޫން ކަމަށެވެ.
"ހިއުމަން ރައިޓްސް ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ބަލަމުން ގެންދަނިކޮށް ޕީޖީން އެދިވަޑައިގަތީ މައްސަލައިގެ ތަހުގީގެއް އެޗްއާރްސީއެމް އިން ކުރިއަށް ގެންދިއުމަށް،" ޝިފާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޖީ އިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އެދުނު ގޮތަށް އެޗްއާރްސީއެމް އިން މައްސަލަތަ ތަހުގީގު ކުރި ކަމަށެވެ.
"އެ އެދިވަޑައިގަތުމާ އެއްގޮތަށް ޕީޖީ އިން އިރުޝާދު ދެއްވި ގޮތަށް އަޅުގަނޑުމެންގެ ކޮމިޝަންގެ މީހުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކޮށްގެން ހަމައެކަނި އެއް ރަށަކަށް ނޫން، އެކި ފަރާތްތަކާ ބައްދަލުކޮށްގެން ތަހުގީގުން ފާހަގަ ކުރެވުނު ކަންތައް ބަޔާންކޮށްފަ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފަ ވަނީ،" ޝިފާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެޗްއާރްސީއެމް އިން ތަހުގީގުކޮށް ޕީޖީ އަށް ފޮނުވި ރިޕޯޓުގެ ކަންތައްތައް އޮތް ހިސާބު ސާފު ކުރުމަށް ދެ ފަހަރެއްގެ މަތިން އެ އޮފީހަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އެއަށްފަހު އެ ރިޕޯޓުގައި މައްސަލައެއް ހުރި ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.
"މިދިޔަ ފެބްރުއަރީ މަހު 18 ވަނަ ދުވަހު ޕީޖީ އިން އަޅުގަނޑުމެންނަށް ދެންނެވީ ތަހުގީގު ބަޔާންތައް ތުހުމަތު ކުރެވޭ ފަރާތްތަަކަށް ތުހުމަތު ކުރެވޭކަން. ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތައް ބަޔާންކޮށްދީފަ ސްޓޭޓުމަންޓު ނަގާފަ ފޮނުވާށޭ،" ޝިފާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޖީން ފަހުން އެ މައުލޫމާތު ހޯދަން އެންގުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށެވެ. އަދި ކުރިން ވަކި ތަހުގީގު ކުރިއަށް ގެންދިއުމަށް ލަފާ ދިންނަމަ އެގޮތަށް އެގޮތަށް ބަޔާން ނެގުނީސް ކަމަށްވެސް ޝިފާގު ވިދާޅުވި އެވެ.