07 Mar 2016, 18:08
ބްރިޖުގެ މަސަތްކަތް ކުރިއަށްދާތީ ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަހައްދަށް މޫދަށް އެރުން ވަގުތީ ގޮތުން ބަންދުކޮށްފައި ވަނިކޮށް މިއަދު އެ ސަރަހައްދަށް މޫދަށް އެރި މުޒާހަރާކޮށްފި އެވެ.
ރާޅާ އަޅާ ޒުވާނުންތަކެއް މިއަދު ހަވީރު ވަނީ ރާޅުގަނޑަށް އެރި ރާޅާ އަޅާފަ އެވެ. އަދި އެ މީހުން ރާޅާ އަޅަން މޫދަށް ފޭބި ސަރަހައްދުގައި އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކެއް ބަހައްޓާފައި ހުއްޓެވެ. ރާޅާ އަޅަން މޫދަށް އެރުނު ޒުވާނުން، އެ ސަރަހައްދުގައި ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޓަގް ބޯޓު ކައިރިއަށް ގޮސްފައެއް ނުވެ އެވެ.
ރާޅާ އަޅާ ޒުވާނުން މޫދަށް ފޭބިތާ ކުޑައިރުކޮޅެއްގެ ތެރޭ، ފުލުހުން ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން އެ ޒުވާނުން އެއްގަމަށް އެރުމަށް ނަސޭހަތްތެރިވެފަ އެވެ. ފުލުހުންގެ އެދުމުގެ މަތިން ރާޅާ އަޅަން މޫދަށް ފޭބި ހުރިހާ ޒުވާނުން ވެސް އެއްގަމަށް އެރީ މިއަދު ހައެއް ޖެހި ފަހުންނެވެ.
މަނާކޮށްފައިވަނިކޮށް، ރާޅާ އަޅާ ސަރަހައްދަށް ފައިބައި ރާޅާ އެޅުނު މައްސަލާގައި އެއްވެސް މީހަކު މިއަދު ހައްޔަރެއް ނުކުރެ އެވެ.

ރާޅާ އަޅާ ސަރަހައްދުގައި މުޒާހަރާކުރަން ހިއްޕާފައިވާ ބޯޑުތައް --
ހައުސިންގް މިނިސްޓްރީން މިދިޔަ ހަފްތާ ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ އާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސަތްކަތް ކުރުމަށް އެ ސަރަހައްދު ކޮންޓްރެކްޓަރާ ހަވާލުކޮށް ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
ބުރިޖުގެ މަސަތްކަތައް ލޮނުޒިޔާރާތްކޮޅު ބަންދުކޮށްފައިވާއިރު ރާޅައަޅާ ޒުވާނުން އަންނަނީ އެ ސަރަހައްދުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން "ސޭވް ދަ ވޭވްސް"ގެ ނަމުގައި އެ ޒުވާނުންގެ ޝުއުރޫ ފާޅުކޮށް އަޑު އުފުލަމުންނެވެ. އަދި އެ އަޑުއުފުލުން ތަކުގެތެރޭން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް އަހްމަދު އަޒްމީލް (އަޖޭ) ވަނީ ފުލުހުންގެ ބަންދަށް ވެސް ގެންގޮސްފައެވެ.

ރާޅާ އަޅާ ސަރަހައްދުގައި މުޒާހަރާކުރަން ހިތްޕާފައިވާ ބޯޑުތައް --
ބްރިޖް މަޝްރޫޢާ ގުޅިގެން ރާޅާއަޅާކުދިންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށް، އެފަރާތަކާއެކު ހައުސިން މިނިސްޓްރީން މަޝްވަރާތަކެއްކޮށް އެކަންކަން ވަރަށް ގާތުން ބަލަމުންއަންނަ ކަމަށާއި މަޝްރޫއު ނިމެންދެން، މާލެއާ ދުރުނޫން އެހެން ސަރަހައްދަކުން އެކުދިންނަށް ރާޅާއެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ހައުސިންގް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.