މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ] އިން ޑޮލަރުގެ ރެފަރެންސް ރޭޓަކީ 14.75 އަށް ކަނޑައަޅައި އިއުލާން ކުރިތާ ތިން ދުވަހުގެ ތެރޭގައި ޑޮލަރު ގަނެ ވިއްކޭނެ އެންމެ މަތީ އަގު 15ރ. އަށް އުފުލިއްޖެ އެވެ.

ސަރުކާރުން މި މަހުގެ 10 ވަނަ ދުވަހު ޑޮލަރު ގަނެ ވިއްކާ މެދު އަގަކީ 12.85ރ. ކަމަށް ކަޓައަޅައި އޭގެ ތިރިއަށާއި މައްޗަށް 20 ޕަސެންޓްގެ ބޭންޑެއް ކަނޑައެޅުމުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަނީ ޑޮލަރުގެ ރެފަރެންސް ރޭޓެއް އެ އިދާރާގެ ރަސްމީ ވެބްސައިޓުގައި އާންމު ކުރަންފަށައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުރަތަމަ ފަހަރަށް އެމްއެމްއޭ އިން ރެފަރެންސް ރޭޓެއް އާންމު ކުރި އިރު އެ ދުވަހު ޑޮލަރުގެ ރެފަރެންސް ރޭޓް ހުރީ ޑޮލަރު ގަނެ ވިއްކާ މެދުއަގަށް ވުރެ 14 ޕަސެންޓް މަތީގައި 14.75ރ. ގަ އެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހު އެ ރޭޓް ވަނީ 15.28ރ. އަށް މައްޗަށް ގޮސްފަ އެވެ. އަދި އެންމެ ފަހުން މިއަދު އާންމު ކުރި އެ ރޭޓް އުޅެނީ 15.16ރ. ގަ އެވެ. މިއީ ޑޮލަރު ގަނެ ވިއްކޭ މެދު އަގަށް ވުރެ 15 ޕަސެންޓް ބޮޑު އަދަދެކެވެ.

ފުލޯޓިން އެކްސްޗޭންޖް ރޭޓްތައް ގެންގުޅޭ ގިނަ ގައުމުތަކުގައި މަރުކަޒީ ބޭންކުން ކަނޑައަލާ ރެފަރެންސް ރޭޓަކީ ސަރުކާރުން ޑޮލަރުގެ މުއާމަލާތްތައް ކުރާ އިރު ގެންގުޅޭ ރަސްމީ ރޭޓެވެ. އެގޮތުން ކަސްޓަމްސް ޑިއުޓީ އާއި އަދި ޑޮލަރުން ޓެކްސް ބަލައިގަންނަ އިރު އެ ގައުމުތަކުގެ ރަސްމީ އިދާރާތަކުން އަގުހަދަނީ އެ ރޭޓަށެވެ. ނަމަވެސް އެމްއެމްއޭ އިން މިއަދު ބުނީ ރެފަރެންސް ރޭޓެއް އިއުލާން ކުރި ނަމަވެސް އުސޫލެއްގެ ގޮތުން ސަރުކާރުން އެ އަގުގައި ޑޮލަރުގެ މުއާމަލާތްތައް ނުކުރާނެ ކަމަށެވެ.

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ބާޒާރުގައި ޑޮލަރުގެ އަގު ހަމައަކަށް އެޅުވުމަށް ކަމަށް ބުނެ ސަރުކާރުން ބޭންޑެއްގެ ތެރެއަށް ޑޮލަރު ގަނެވިއްކާ އަގު ފެއްތި ނަމަވެސް ޑޮލަރު ލިބެނީ ކުރިއެކޭ ވެސް އެއްގޮތަށް މަދު ބޭންކްތަކަކުން ކޮންޓްރޯލް ކޮށްގެންނެވެ. އަދި ނަތީޖާއެއްގެ ގޮތުން މިހާރުގެ ކަނޑައަޅާފައި އޮތް ބޭންޑުން ބޭރުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި 16ރ. އަށް ޑޮލަރު ވިއްކާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން އަންނަނީ ކުރަމުންނެވެ.