ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރައިލުމާއި އިތުރު ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލި ހާދިސާތަކުގެ ސަބަބުން ބިރުވެރިކަން އުފެދިފައިވާ އައްޑޫ ސިޓީގައި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައި 13 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރުން ފެށިގެން އައްޑޫ ސިޓީގައި ހިންގަމުން އަންނަ އޮޕަރޭޝަނުގައި ރަށުތެރެ ބެލެހެއްޓުން އިތުރުކޮށް، ބޭނުމެއް ނެތި އުޅޭ މީހުން ހުއްޓުވައި، ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ މީހުން ގެނެސް އެމީހުންގެ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާ ތަނަށް 10 ތަނަކާއި 23 އުޅަނދެއް ބަލައި ފާސްކޮށްފައި ވާނެ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 13 މީހުން އަދި ވެސް ތިބީ ބަންދުގަ އެވެ.

"ފުލުހުން ފަށާފައިވާ މި އޮޕަރޭޝަން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މި އޮޕަރޭޝަންގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ރަށުތެރޭގައި މީހުން ނޫޅޭ ފަޅުގެތަކާއި ބޮޑެތި ބިންތައް ބަލައި ފާސްކުރަން ވެސް ވަނީ ފަށައިފަ އެވެ. ހާއްސަ ގޮތެއްގައި ގެދޮރު ޢިމާރާތް ކުރުމަށް ފަހު ރަށުގެ އެކަހެރި ސަރަޙައްދުތަކުގައި ހުންނަ ފަޅުގެތައް ބެލުމާއި އެކި ސަރަޙައްދުތަކުގައި ކަމެއްނެތި ގުރޫޕްތައް އެއްވާ ސަރަޙައްދުތައް ބަލައި ފާސްކުރަމުން ގެންދަން ވެސް ވަނީ ހަމަޖެހިފަ އެވެ.

"އައްޑޫ ސިޓީގައި ފުލުހުން ހިންގާ މި އޮޕަރޭޝަން ހިންގަމުންދިޔަ ނަމަވެސް ޢާއްމުކޮށް ހިނގާ ޕެޓްރޯލް ކުރުމާއި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ އެވެ." އައްޑޫގައި ހިންގާ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން މިއަދު އާއްމު ކުރި ހަބަރުގައި ބުނެފައިވެ އެވެ.