ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމުގެ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުން އެމްޑީޕީއަށް ދީފައިވާ ދައުވަތު ގަބޫލު ނުކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ސަން އަށް މިއަދު ވިދާޅުވީ އެމްޑީޕީން މަޝްވަރާއަށް ދާނެ ގޮތް މީގެ ކުރިންވެސް ސަރުކާރަށް އަންގާފައި ކަމަށާއި އެއީ "ސިޔާސީ ހައްޔަރީން" ދޫކޮށްލުން ކަމަށެވެ. އެހެންކަމުން މިއަދު ސަރުކާރުން ދިން ދައުވަތު ގަބޫލް ނުކުރާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ރައީސް ނަޝީދު މިނިވަން ކުރުމާއި ގުޅޭގޮތުން އެމްޑީޕީ އާއި ދަށްކާނެ ވާހަކައެއް އޮތް ކަމަކަށް ނުދެކެން،" ނިޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ސަރުކާރުން ދެވޭނެ ލުޔަކާއިމެދު މަޝްވަރާ ކުރުމަށް މާދަމާ 1:00 އަށް ސަރުކާރުން މިއަދު ވަނީ އެމްޑީޕީއަށް ދައުވަތު ދީފައެވެ.

ޕާޓީތަކާއި މަޝްވަރާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް ވަޒީރުކަމަށްވާ ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސަން އަށް މިއަދު ވިދާޅުވީ ސަރުކާރާއި އެމްޑީޕީއާއި ވަކިން ބައްދަލުކުރުމަށް ސަރުކާރުން އެޕާޓީއަށް ދައުވަތު ދީފައިވާ ކަމަށެވެ.

އެބައްދަލުވުމަކީ ރައީސް ނަޝީދުގެ މައްސަލާގައި ލުޔެއް ދިނުމަށް ކޮށްދެވޭނީ ކޮންކަމެއް ތޯ ސަރުކާރުން ބެލުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވާ ޕާޓީ ޓޯކްސް އަށް މަގުފަހިކުރަން ކުރެވެން ހުރި ކަންތައްތައް ކުރުމަށް ކަމަށާއި ސަރުކާރުން ތިބީ މަޝްވަރާއަށް ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އިސްވެ އޮވެ ސިޔާސީ ޕާޓީތަކާއި އެކު ފެށި މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީއާ އަދާލަތުން ބައިވެރިނުވުމުން އެ ދެ ޕާޓީއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ.