ފޮއްޓަށް ލައިގެން އެއްތަނުން އަނެއްތަނަށް ގެންގޮސް، ވަގުތުން ސެޓަޕް ހަދާލެވޭ މޯބައިލްފޯން ޓަވަރެއް އުފައްދައި ވިއްކަން ފެށިކަން މޯބައިލްފޯންގެ ހިދުމަތްދޭ ކުންފުންޏަކުން އިއުލާންކޮށްފި އެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއުފެއްދުމުގެ އެހީގައި ފޯނުގެ ހިދުމަތް ނުލިބޭ ދުރު ހިސާބުތަކުގައި ވަޔަލެސް ޒޯނެއް ގާއިމްކުރެވިދާނެ އެވެ.

މިއުފެއްދުމުގެ ސަބަބުން ބޮޑެތި ކާރިސާތައް ހިނގައިގެން ފޯނުގެ ހިދުމަތް ކެނޑިފައިވާ ސަރަހައްދުތަކުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފުލުހުންނާއި ސިއްހީ އެހީތެރިންނަށް އެމީހުންގެ އަމިއްލަ މޯބައިލް ނެޓްވޯކް ގާއިމްކޮށްލެވޭނެ އެވެ.

މީގެ ކުރިން ސެލްފޯން ހިދުމަތްދޭ ކުންފުނިތަކަށް ޖެހެނީ އެ ކުންފުނިތަކުގެ ޓްރަކްތައް ކާރިސާތައް ހިނގައިގެން އުޅޭ ސަރަހައްދުތަކަށް ފޮނުވައިގެން ނެޓްވޯކް ސެޓަޕް ހަދާށެވެ.
ފޯންގެ ހިދުމަތް ލިބުނު ނަމަވެސް މޯބައިލްފޯންގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ފޯން ހިދުމަތްދޭ ކުންފުނިތަކުން އެންޓަނާ ފަދަ ތަކެތި ކުރިއްސުރެ ވެސް އަންނަނީ ވިއްކަމުންނެވެ. ނަމަވެސް އަމިއްލަ ނެޓްވޯކެއް ގާއިމްކުރުމަށް ބޭނުންވާ ފުރިހަމަ ފޯން ޓަވަރެއް ވިއްކަން ފެށި މިއީ ފުރަތަމަ ފަހަރެވެ.

އޭޓީ އެންޑް ޓީ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި ކްރިސް ހިލް ބުނި ގޮތުގައި މިޓަވަރު ގާއިމްކޮށް ފޯނުގެ ހިދުމަތް ހޯދުމަށް ހޭދަވާނީ ބައިގަޑިއިރެވެ. އެހެން ކަމުން ކާރިސާތަކުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއުފެއްދުން ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ އެވެ.

ބައިގަޑިއިރުގެ ތެރޭގައި ފޯންގެ ހިދުމަތް ހޯދާލެވޭ ފޯން ޓަވަރު ކުޑަވަރެއްގެ ފޮއްޓަކަށް ލެވޭނެ ކަމަށް އޭޓީއެންޑް ޓީ ކުންފުނިން ބުނެއެވެ. މިޓަވަރު ބޭނުންކޮށްގެން މޯބައިލް ފޯންގެ ހިދުމަތް ހޯދުމަށް މަހަކަށް 15000 ޑޮލަރާއި 45000 ޑޮލަޜާ ދެމެދުގެ އަގެއް ދައްކަން ޖެހޭއިރު ޓަވަރުގެ އެހީގައި އެއްފަހަރާ 14 ފޯން ބޭނުން ކުރެވޭނެ އެވެ. މިޓަވަރު ކާރެއްގައި ވެސް ގާއިމް ކުރެވިދާނެ އެވެ. -- ޑެއިލީ މެއިލް. ޔޫކޭ