07 Mar 2016, 15:06
އިންސާނީ ހައްގުތަކާ ގުޅުން ހުރި 775 މައްސަލައެއް މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް ގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ތެރެއިން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން
އެޗްއާރްސީއެމްގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް މިއަދު މޫކައި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ 2015 ވަނަ އަހަރު ތެރޭގައި ކޮމިޝަނަށް ހުށައެޅިފައި ވަނީ ޖުމްލަ 592 މައްސަލައެއް. ކުރީގައި އެކިއެކި ސަބަބުތަކާ ހެދި ލަސްވެފައި ހުރި މައްސަލަތަކާ އެކީގައި އަޅުގަނޑުމެންނަށް 775 މައްސަލައެއް އަޅުގަނޑުމެންނަށް ވޭތުވެ ދިޔަ އަހަރުތަކުގައު ކްރޮސްވެފައި ހުރީ،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 2015 ވަނަ އަހަރު އެ ކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާ އިރު، 50 ޕަސެންޓު މައްސަލަތަކަކީ އިންސާނީ އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ.
"އިގުތިސާދީ އަދި އިޖުތިމާއީ ހައްގުތަކާ ގުޅުން ހުރި 138 މައްސަލައަކާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ގުޅުން 32 މައްސަލައެއް، ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބެން ޖެހޭ ހާއްސަ ރައްކާތެރިކަމާ ގުޅުން ހުރި 80 މައްސަލައަކާއި،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ލާއިންސާނީ އަދަބު ދިނުމާއި ގުޅޭ 78 މައްސަލައެއް ވޭތުވެ ދިޔަ އަހަރު އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ބަންދު ކުރެވިފައިވާ މީހުންނަށް އިހުތިރާމާ އެކު މުއާމަލާތް ކުރުމުގެ 26 މައްސަލައެއް ވެސް ވޭތުވެ ދިޔަ އަހަރު އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.
"އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރުމާ ގުޅުން ހުރި 10 މައްސަލައަކާއި ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާ ގުޅުން ހުރި 16 މައްސަލައަކާއި ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާއި ގުޅުން ހުރި 14 މައްސަލައެއް ހުށައަޅާފައިވޭ." ޝިފާގު ވިދާޅުވި އެވެ.