07 Mar 2016, 13:56
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސަރުކާރުގެ ފަރާތުން ދެވޭނީ ކޮންކަހަލަ ލުޔެއްތޯ ބެލުމަށް ސަރުކާރާއި އެމްޑީޕީއާއި ވަކިން މަޝްވަރާ ކުރަން ސަރުކާރުން ދައުވަތު ދީފިއެވެ.
އެބައްދަލުވުމަށް ދައުވަތު ދީފައިވަނީ މާދަމާ 13:00 އަށެވެ.
ޕާޓީ ތަކާއި މަޝްވަރާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް ވަޒީރުކަމަށްވާ ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ސަން އަށް ވިދާޅުވީ ސަރުކާރާއި އެމްޑީޕީއާއި ވަކިން ބައްދަލުކުރުމަށް ސަރުކާރުން އެޕާޓީއަށް ދައުވަތު ދީފައިވާ ކަމަށެވެ.
އެބައްދަލުވުމަކީ ރައީސް ނަޝީދުގެ މައްސަލާގައި ލުޔެއް ދިނުމަށް ކޮށްދެވޭނީ ކޮންކަމެއް ތޯ ސަރުކާރުން ބެލުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ނިންމާފައިވާ ޕާޓީ ޓޯކްސް އަށް މަގުފަހިކުރަން ކުރެވެން ހުރި ކަންތައްތައް ކުރުމަށް ކަމަށާއި ސަރުކާރުން ތިބީ މަޝްވަރާއަށް ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.
ސަރުކާރުން އިސްވެ އޮވެ ސިޔާސީ ޕާޓީތަކާއި އެކު ފެށި މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީއާ އަދާލަތުން ބައިވެރިނުވުމުން އެ ދެ ޕާޓީއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ.