ފުލެޓު ލިބިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ އަތުން ފައިސާ ފޭރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބައެއް ނަމްބަރުތަކުން މީހުންނަށް ގުޅައި މާލެއިން ފުލެޓް ލިބިފައިވާ ކަމަށްބުނެ ޑައުންޕޭމަންޓް ދެއްކުމަށް މީހުންގެ އަތުން އޮޅުވާލައިގެން ރީލޯޑާއި ފައިސާ ނަގަމުންދަނީ ނަގަމުން ނެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެފަދަ ފޯނުކޯލްތަކެއްކޮށް ފައިސާ އަތުލަމުންދާ މައްސަލާގެ ޝަކުވާ ފުލުހުންނަށް ހުށައަޅާފައިވާތީ އެފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލެޓު ލިބުނު ފަރާތްތަކަށް ގުޅައި އެފަރާތްތަކުގެ އަތުން ރީލޯޑް ނުވަތަ ފައިސާ އެގޮތަށް ހޯދުމަކީ ހައުސިން މިނިސްޓްރީން އަމަލު ކުރާ އުސޫލެއް ނޫން ކަމަށާއި އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް އެކިއެކި ކުންފުނިތަކުގެ ނަމުގައި ބައެއް ގެތަކަށްގޮސް ވައްކަން ކުރާ މައްސަލަތައްވެސް ހުށައެޅެމުންދާތީ އެކަންކަމަށް ސަމާލުވުމަށް އިސްމާއިލް ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި މިހާރަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި މަޝްހޫރު ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަން ބޭނުންކޮށްގެން ނުދަންނަ ނަމްބަރުތަކުން އާއްމު ރައްޔިތުންނަށް ގުޅައި އެކި ކަހަލަ ވާހަކަތައް ދައްކައި ބޮޑެތި އަދަދުތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.