07 Mar 2016, 13:33
އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ދެ މެޗު ޓީރެކްސް ސްޕޯޓްސް އެކަޑަމީ އާއި ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރާޝަން (ދަ ގޭންގް) ކާމިޔާބުކޮށް މުބާރާތުގެ ފެށުން އެ ދެ ޓީމުން ރަނގަޅު ކޮށްފި އެވެ.
ސޯސަލް ސެންޓަރު އެތެރޭ ހޯލުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ޓީރެކްސް އިން ކާމިޔާބުކުރީ 63-36 ޕޮއިންޓުން ހަރިކޭން ބީސީ ބަލިކުރުމަށް ފަހު އެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދިން ނަޝްފާ އާމިރާ (ނައްފަ) އެވެ. ހަރިކޭނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މަރިޔަމް ސޮފްވާ ހަސަން އެވެ. އޭނާ ވަނީ އެޓީމަށް 10 ޕޮއިންޓް ހޯދައިދީފަ އެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗު ދަ ގޭންގް އިން ކާމިޔާބުކުރީ މައްޗަންގޮޅީ ވިމެންސް ޔޫތު އެންޑް ސްޕޯޓްސް ކްލަބާއި ވާދަކޮށް 46-33 ޕޮއިންޓުންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަ ގޭންގަށް 17 ޕޮއިންޓް ހޯދައިދިން އައިމިނަތު ޝިއުރާ އެވެ. މައްޗަންގޮޅީ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 12 ޕޮއިންޓް ހޯދައިދިން ހައްވާ ޝަޒްނާ އެވެ.
މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ހަތަރު ޓީމް ވާދަކުރާ އިރު ފިރިހެން ޑިވިޝަނުގައި 12 ޓީމް ވާދަކުރެ އެވެ.
ފިރިހެން އެއް ވަނަ ޑިވިޝަން މި މަހުގެ 13 ވަނަ ދުވަހު ފަށުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ހަރިކޭން އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނެ އެވެ.