07 Mar 2016, 17:50
މައްސަލަތައް ސާބިތު ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޒަމާނާ އެކަށީގެންވާ ހެއްކާ ބެހޭ ގާނޫނެއް ނެތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް ގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ތެރެއިން --- ސަން/ފޮޓޯ: ފަޒްލީނާ ހުސައިން
އެޗްއާރްސީއެމްގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާއްމު ކުރުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ، ޒަމާނާ އެކަށީގެންވާ ހެއްކާ ބެހޭ ގާނޫނެއް ނެތް ނަމަވެސް ކަމާ ގުޅޭ ހުރިހާ ގާނޫނެއް ހެދިފައިވާ ކަމަށެވެ.
"ބިރު ދެއްކުމާއި ތޫނު ހަތުޔާރު ގެންގުޅުމުގެ ގާނޫނާއި އެންޓި ޓެރަރިޒަމް ގާނޫނާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާއި މިހެން ގޮސް މިކަހަލަ މައިގަނޑު ހުރިހާ ގާނޫނުތަކެއް ހެދި ނިމުނު އިރު ޒަމާނާ އެކަށީގެންވާ ހެއްކާ ބެހޭ ގާނޫނެއް ނެތް،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެޗްއާރްސީއެމާއި އެފަދަ އެހެނިހެން ތަންތަނަށް ހުށަހަޅާ މައްސަލަތައް ސާބިތު ކުރުމަށް ޒަމާނާ އެކަށީގެންވާ ހެއްކާ ބެހޭ ގާނޫނެއް މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށެވެ.
"އެފަދަ ގާނޫނެއް ނެތީމަ މި ވާގޮތަކީ ގާތްގަނޑަކަށް 25 ބުރީގެ އިމާރާތެއް ކޮޅަށް ޖަހާއިރު ފައުންޑޭޝަނެއް ނެތި އިމާރާތް ކޮޅަށް ނަގައިފި ކަމުގައި ވަނީވިއްޔާމު ދެން އިމާރާތް ގަނބައިގަނެ ހަމަ ބިންމަތީގަ އިނގޭތޯ ފުރާޅު ހުންނާނީ ފެންނަން،" ޝިފާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ގާނޫނެއް އުފެދި ހެކި ސާބިތު ކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރެވިގެން ދިއުމުން ތަހުގީގީ އިދާރާތަކަށް ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތް އިތުރު ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވާނަން އެކަންކަން ރާއްޖޭގަ ހިނގާ ނިސްބަތް އިތުރުވެގެން ދިޔައީއޭ. އެހެންނެއް ނޫން. އަނިޔާ ލިބޭ ފަރާތްތަކަށް މައިންބަފައިންނަށް ބެލެނިވެރިންނަށް ތިމަންނަގެ ދަރިއަށް ލިބުނު އަނިޔާއަށް ތިމަންނަ އިންސާފު ހޯދައި ދެވިދާނެ ކަމަށް އަދި އެކަން ތިމަންނައަށް ސާބިތު ކުރުމަށްޓަކައި ގޮތްތަކެއް ފައިވެފައި އޮތް ކަމުގެ ޔަގީންކަން ލިބުނީމައި އެ ހުށަހެޅޭ ނިސްބަތް އިތުރުވެގެން ދަނީހެން އަޅުގަނޑަށް ހީވަނީ،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި އަހަރު ތެރޭގައި ވެސް ނިންމަން ޖެހޭ 600 ހާ މައްސަލަ އެބަ އޮތް ކަމަށާއި ހެއްކާ ބެހޭ ގާނޫނު ވުޖޫދަށް އައުމުން އެ މައްސަލަތައް ނިންމުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.