07 Mar 2016, 13:28
ކޮލަމްބޯ (މާޗް 7): ލަންކާ އިން އިންޑިއާ އެކު ހަދަންއުޅޭ ވިޔަފާރީގެ އެއްބަސްވުމުގައި "ވިސްނައިގެން" ކުރިއަށް ދިއުމަށާއި ލަންކާގައި އުފައްދާ ސައިފަތް ހުރަހަކާ ނުލައި އިންޑިއާ އަށް އެތެރެ ކުރެވޭ ގޮތަށް އެއްބަސްވުން އެކުލަވާލުމަށް ލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަ އެ ގައުމުގެ ސަރުކާރަށް ގޮވާލައްވައިފި އެވެ.
އިންޑިއާ އާއި ލަންކާއާ ދެމެދު މިހާރު އޮންނަ ފްރީ ޓްރޭޑް އެގްރީމެންޓް [އެފްޓީއޭ] އާފައްތަރަކަށް ގެންދާނެ ކަމަށް ލަންކާގެ ސަރުކާރުން ބުނާ އިކޮނޮމިކް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން އެގްރީމެންޓު [އީޓީސީއޭ] ފައިނަލައިޒްކޮށް މި އަހަރުގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަ ވިދާޅުވީ، އެ އެއްބަސްވުމުގައި ހިމެނޭ މުދަލާއި ހިދުމަތާއި އިންވެސްޓްމެންޓްތަކާ ބެހޭ ގޮތުން އެއްބަސްވުމުގައި އެކަށީގެންވާ މިންވަރަށް ތަފްސީލު ނުހިމެނޭ ކަމަށެވެ.
"ވިޔަފާރި އެއްބަސްވުމެއް ހަދަންޖެހޭނީ އޭގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް ބަލައި ދިރާސާކުރުމަށް ފަހު. ނަވާރަސަތޭކަނުވަދިހައަށެއްގައި ހެދި ފްރީ ޓްރޭޑް އެގްރިމެންޓު ތަސްދީގުކުރުމުގައި ދިމާވި މައްސަލަތަކުން އަޅުގަނޑުމެން ދަސްކުރަން ޖެހޭ،" ރާޖަޕްކްސްގެ ބަޔާނުގައިވެ އެވެ.
ރާޖަޕަކްސަ ވިދާޅުވީ އެފްޓީއޭ ތަސްދީގު ކުރުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުން ލަންކާ އިން އިންޑިއާ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެކްސްޕޯޓް ނުކުރެވުނު ކަމަށެވެ. އެހެންކަމުން، މިފަހަރު އެއްބަސްވުން ހަދަން ޖެހޭނީ ވިސްނައިގެން ކަމަށާއި އެންމެ ފުރަތަމަ ކަމަކަށް އެފްޓީއޭގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި އޭގެ ފަހުން އީޓީސީއޭ ތަފްސީލު ކުރުމަށް ރާޖަޕަކްސަ ލަފާދެއްވި އެވެ.
ރާޖަޕަކްސް ވިދާޅުވީ މިފަހަރުގެ އެއްބަސްވުމުގައި އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ލަންކާ އިން އެންމެ ގިނައިން އެކްސްޕޯޓު ކުރާ އަންނައުނާއި ސައިިފަތް ފަދަ ތަކެތި "އެއްވެސް ހުރަހަކާނުލައި" އިންޑިއާ އަށް އެކްސްޕޯޓުކުރެވޭ ގޮތް ހެދުން ކަމަށެވެ.
މީގެ އިތުރުން، އެއްބަސްވުމުގައި ހިމެނޭ ބައިތަކާ ބެހެގޮތުން އާއްމުންނަށް ވެސް އަދި ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ވެސް އެކަށީގެންވާ މިންވަރަށް މައުލޫމާތު ދީފައި ނުވާ ކަމަށް ރާޖަޕަކްސް ފާހަގަ ކުރެއްވި އެވެ. އޭގެ ބަދަލުގައި، އީޓީސީއޭގައި ސޮއި ކުރުމުގެ ކުރިން އެއާ ބެހޭ ގޮތުން ގައުމުގެ ރައްޔިތުންގެ މަޖިލީހަށާއި އާއްމުންނަށާއި ކަމާބެހޭ މާހިރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރާޖަޕްކްސަ ގޮވާލެއްވި އެވެ.
އެގޮތަށް އަމަލު ނުކުރާ ނަމަ އަދި އީޓީސީއޭއާ ގުޅިގެން ސަރުކާރުން ގެންގުޅޭ "ބޮޑާ ސިޔާސަތު" ގެންގުޅެމުންދާ ނަމަ "ދެ ފަރާތަށް ފައިދާވާ ގޮތަށް އަވަށްޓެރި ގައުމާ އެކު ޕާޓްނާޝިޕެއް ހެދުމުގެ ފުރުސަތު [ލަންކާއަށް] ގެއްލިދާނެ" ކަމަށް ރާޖަޕަކްސަ އިންޒާރުދެއްވި އެވެ. (ހިންދޫ)