ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަވަހާރަކޮށްލުމަށް ނޭޓޯއިން ދިން ވައިގެ ޙަމަލާއަކުން އޭނާ ސަލާމަތްވެ ވަޑައިގެންފި ކަމަށް ލީބިޔާ ސަރުކާރުން ބުނެފިއެވެ.

ލީބިޔާ ސަރުކާރުގެ ތަރްޖަމާނެއްކަމަށްވާ މޫސާ އިބްރާހީމް ވިދާޅުވީ މިދިޔަ ހޯމަދުވަހު ގައްޒާފީ ދިރިއުޅުއްވާ ޢަސްކަރީ ބޭސް ކަމަށްވާ ބާބުލްޢަޒީޒިއްޔާ އެކުވެންޏަށް ނޭޓޯއިން ދިން ވައިގެ ޙަމަލާތަކުން ގައްޒާފީއާއި އޭނާގެ ޢާއިލާ ސަލާމަތްވެ ވަޑައިގެންފައިވާ ކަމުގައެވެ. ނަމަވެސް މިޙަމަލާތަކުގައި ތިން މީހަކުމަރުވެ 45 މީހަކު ޒަޚަމްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޓޯގެ މިޙަމަލާތަކަކީ ސީދާ ގައްޒާފީ އަވަހާރަކޮށްލަން ދިން ނާކާމިޔާބު ޙަމަލާތަކެއްކަމަށް ލީބިޔާ ސަރުކާރުގެ ތަރްޖަމާން ސިފަކުރެއްވިއެވެ. ލީބިޔާ ސަރުކާރުންވަނީ ނޭޓޯގެ ޙަމަލާތައް އަމާޒުވި ބާބުލްޢަޒީޒިއްޔާ ގެ ޢިމާރާތް ޢާންމުންނަށާއި ނޫސްވެރިންނަށް ދައްކާފައެވެ. މިޢިމާރާތުގެ ބޮޑުބައިވަނީ ހަލާކުވެފައެވެ.

މިއީ ގައްޒާފީގެ ސަރުކާރުގެ ބައެއް އިސްވެރިންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ގައްޒާފީ ބޭނުންކުރައްވާ ޢިމާރާތެއްކަމަށް ލީބިޔާގެ ރަސްމީ ޓީވީ ޚަބަރުދެއެވެ. ނޭޓޯގެ ޙަމަލާތަކަކީ ހުޅަނގުން ހިންގަމުންގެންދާ ބައިނަލްއަޤްވާމީ ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭން ޢަމަލެއް ކަމަށާއި މިއީ ނޭޓޯ ބުނާފަދައިން ލީބިޔާގެ އާންމު ރައްޔިތުން ޙިމާޔަތްކުރުމުގެ ޢަމަލެއްނޫން ކަމަށް ލީބިޔާގެ ތަރްޖަމާން ސިފަކުރެއްވިއެވެ.

ނޭޓޯއިން ގައްޒާފީގެ ރިޔާސީ އެކުވެންޏަށް ޙަމަލާދިނީ ގައްޒާފީ އަވަހާރަކޮށްލުމަށް އެމެރިކާގެ ކޮންގްރެސްގެ ހަރުކަށި ޚިޔާލުގެ ބައެއް މެންބަރުން ނުސީދާގޮތެއްގައި ގޮވާލައްވާފައިވަނިކޮށެވެ. އެމެރިކާގެ ކޮންގްރެސްގެ ހަރުކަށި ބައެއް މެންބަރުންވަނީ ގައްޒާފީއަކީ ހަރުފައެެއްކަމަށް ސިފަކުރައްވައި ހަރުފައިގެ ބޯ ކަނޑާލުމަށް ގޮވާލައްވާފައެވެ.

ގައްޒާފީ އަވަހާރަކޮށްލުމަށް ނޭޓޯފަދަ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ ހުޅަނގުގެ ބާރަކުން މަސައްކަތްކުރުމަކީ ލީބިޔާގެ އެތެރޭގައާއި ބޭރުގައި ގައްޒާފީއަށް ހަމްދަރްދީ އިތުރުވެ އޭނާގެ އަނިޔާވެރިކަން ފޮރުވިގެންދާނެ ކަމެއް ކަމަށް މުޙައްލިލުން ދެކެއެވެ.

އަފްޣާނިސްތާނަށާއި ޢިރާޤުގެ ޢާންމުންނާ ދެކޮޅަށް އެމެރިކާއާއި ނޭޓޯ ހިންގަމުންގެންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޢާންމުންގެ މެދުގައި އެމެރިކާއާއި ނޭޓޯގެ އަގުވަރަށް ބޮޑަށް ވެއްޓިފައިވާކަން ސާރވޭ ތަކުން ހާމަވެފައިވެއެވެ.

ސައްދާމް ޙުސައިނަށް ނުލިބެންވާ ހަމްދަރްދީލިބުނީވެސް ޢިރާޤު ރައްޔިތުންގެ ބަދަލުގައި އެމެރިކާ ދޮގުތަކެއް ހަދައިގެން އިސްތިޢްމާރީ ނިޔަތެއްގައި ޢިރާޤަށްއަރައި އޭނާގެ ވެރިކަން ވައްޓާލައި އޭނާ ނިކަމެތިކޮށް އެމެރިކާ އަޑީގައި އޮވެގެން އޭނާ އަވަހާރަކޮށްލުމުން ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ގައްޒާފީގެ އަނިޔާވެރިކަން ތަޙައްމަލް ކުރަމުން ގެންދާ ލީބިޔާގެ ރައްޔިތުން، ނޫނީ އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާއެއްގައި ގައްޒާފީ އަވަހާރަކޮށްލައިފިނަމަ މިހެންނުވާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. -- ނޫސްއެޖެންސީތައް