07 Mar 2016, 12:41
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ.
ހުޅުމާލެ މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުން ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އަހުމަދު ޝާކިރު ހޮނިހިރު ދުވަހުގެރޭ "ސަން" އަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑޮކްޓަރުންގެ އެދުމުގެ މަތީން އޭނާ އައިޖީއެމްއެޗަށް ހަމަ އެރޭ ބަދަލުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ހޮނިހިރު ދުވަހުގެ ރޭ "ސަން" އަށް ވިދާޅުވީ އެ މީހާއަށް މާ ބޮޑު އަނިޔާތަކެއް ނުވާ ކަމަށާއި އެ މީހާގެ އާއިލާއާ އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ އެ މީހާ މަރުވީ މިއަދު ހެނދުނު 9:15 އެހާކަށްހާއިރު ކަމަށެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ސިކުނޑިއަށް ލޭ އެޅިފައި ހުރި ކަމަށް ޒީނަތު ވިދާޅުވި އެވެ.