ފާއިތުވި އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މިންވަރަށް ފަނޑިޔާރުން ލިބޭގޮތް ނުވުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ނެރެފައިވާ އިރު، އެ ތިން ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ މަސައްކަތް ހަރުދަނާކޮށް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ބައެއްކަންތައްތައް ހައްލުކުރެވިފައި ނުވުމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތަކާއި ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

އެގޮތުން ފަނޑިޔާރުން އައްޔަންކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލަތައް ހުރިހާ މަރުހަލާއެއްގެ ކޯޓުތަކަށް ހުށަހެޅޭ ގޮތަށް އޮތުމުން، ކޯޓުތަކަށް ބޭނުންވާ އަދަދަށް ފަނޑިޔާރުން އައްޔަންކުރުމަށް ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަދި އެކަމުގެ ސަބަބުން ފަނޑިޔާރުން އައްޔަންކުރުމުގެ ޕްރޮސެސް ދިގުލައި ފަނޑިޔާރުން ކޯޓުތަކަށް އައްޔަންނުކުރެވި ލަސްވެ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ލަސްވުމަށް މެދުވެރިވާ ކަމަށް ވެސް ޖޭއެސްސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ތަޖުރިބާގެ ގޮތުގައި ދެ އަހަރު ދުވަސް ބަލަންޖެހުމުން މަތީ ތައުލީމު ހާސިލްކޮށްގެން އަލަށް އަންނަ ފަރާތްތަކަށް ފަނޑިޔާރުކަމުގެ ފެށޭ ލެވަލްގެ މެޖިސްޓްރޭޓު ކޯޓުތަކަށް ވެސް ކުރިމަތި ލެވޭގޮތް ނުވުމާއި، އެލެވަލްގެ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މިންވަރަށް ފަނޑިޔާރުން ލިބޭގޮތް ނުވުމަކީ ވެސް ގޮންޖެހުމެއް ކަމަށެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން 2015 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ތިބީ 184 ފަނޑިޔާރުންނެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ޕީއެޗްޑީ ހައްދަވާފައިވާ ދެ ފަނޑިޔާރުންނާ، މާސްޓަރސް ހައްދަވާފައިވާ 10 ފަނޑިޔާރުންނާއި ޑިގްރީ ހައްދަވާފައިވާ 63 ފަނޑިޔާރުންނާއި ޑިޕްލޮމާ ހައްދަވާފައިވާ 102 ފަނޑިޔާރުންނާއި ސެޓްފިކެޓް ލެވެލްގެ ހަތް ފަނޑިޔާރުންނެވެ.

މިދިޔަ އަހަރު ޖޭއެސްސީ އިން އަލަށް ހަ ފަނޑިޔާރަކު އައްޔަންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަށުކޯޓުތަކުގެ ތެރެއިން މަތީ ގިންތީގައި ހިމެނޭ ސުޕީރިއާ ކޯޓުތަކަށް އައްޔަންކުރި ފަސް ގާޟީންނާއި، ތިރީ ގިންތީގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރި މެޖިސްޓްރޭޓެކެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ތިން ފަނޑިޔާރެއްގެ މަގާމު ބަދަލު ކުރެވުނު އިރު، ވަޒީފާ އަދާކުރަމުން ދިޔަ ކޯޓުތައް ނޫން އެހެން ކޯޓުތަކަށް ހަ ފަނޑިޔާރަކު ވަނީ ބަދަލުވެފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު ތިން ފަނޑިޔާރަކު މުސްކުޅި ކުރެވުނު އިރު، ދެ ފަނޑިޔާރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީއަށް 30 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ކުރީގެ އަހަރުތަކުގައި ހުށަހެޅި ނުނިމި ހުރި މައްސަލަތަކާ އެކު 2015 ވަނަ އަހަރު 142 މައްސަލައެއް ކުރިއަށް ގެންދެވުނު އިރު އެކީގައި ނިންމާލެވިފައި ވަނީ 43 މައްސަލަ އެވެ. އަދި ނުނި ހުރި 99 މައްސަލަ މިހާރުވެސް ބަލަމުން އަންނަ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.