07 Mar 2016, 12:35
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ސަރުކާރަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތައް އަދިވެސް ހުށަހަޅާފައި ނުވާ ކަމަށާއި އެ ލިޔުންތައް ފުރިހަމަ ނުކުރާހާ ހިނދަކު ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދެވެން ނޯންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ "ސަން" އަށް މިއަދު ވިދާޅުވީ ނަޝީދުގެ ބޭސްފަރުވާއާ ގުޅޭ ލިޔެކިއުންތައް ފުރިހަމަ ކުރުމަށް ފަހު ކަރެކްޝަނާ ހިއްސާ ކުރެއްވުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ލިޔުން ކަރެކްޝަނަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ހަމަގައިމު ވެސް އަޅުގަނޑުމެންނަކަށް ނުލިބޭ ރައީސް ނަޝީދުގެ ބޭސްފަރުވާއާ ގުޅޭ ލިޔެކިޔުންތަކެއް. މެޑިކަލް ބޯޑުން ނިންމާފައި ވަނީ ބޭސްފަރުވާގެ މުއްދަތާއި [ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު] ދޭތެރޭ ގޮތެއް ނިންމޭނީ ލިޔެކިއުންތައް ލިބިގެން ކަމަށް،" ހަސަން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް ދިން މުއްދަތަށް އިތުރު ދެ މަސް ދުވަސް އިތުރުކޮށްދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ބޭސްފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ވަޑައިގަތީ 30 ދުވަހުގެ މުއްދަށެވެ. ނަމަވެސް ނަޝީދު އެދިވަޑައިގެންފި ނަމަ އެ މުއްދަތު 45 ދުވަހާ ހަމައަށް އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.