07 Mar 2016, 15:15
ސްޕެނިޝް ލީގްގައި ރޭ ބާސެލޯނާއިން 4-0ގެ ނަތީޖާ އަކުން އެސްޑީ އެއިބާގެ މައްޗަށް ކުރި ހޯދިއިރު ލިއޮނަލް މެސީ އަނެއްކާވެސް ރެކޯޑެއް ހަދައިފި އެވެ.
ސްޕެނިސް ލީގްގައި ޖެހިޖެހި ގެން އަށް ސީޒަނުގައި 20 ގޯލަށްވުރެ އިތުރަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި މެސީ ވަނީ އާ ރެކޯޑެއް ގާއިމްކޮށްފައެވެ. މެސީގެ އެ ރެކޯޑާ އެންމެ ކައިރިން ވާދަކުރާ ޕޯޗްގީޒް ތަރި ކްރިސްޓިއާނީ ރޮނާލްޑޯއެވެ.
އެއިބާގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ އަށް ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޒުވާން ފޯވާޑް މުނީރް އަލް ހަދާދީ ވަނީ ބާސާއަށް ލީޑް ނަގައިދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު، މެޗުގެ 41 ވަނަ މިނެޓްގައި އެ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މުނީރުއެވެ.
ބާސާއަށް ލީޑް އިތުރަށް ފުޅާކޮށްދިން ގޯލު މެޗުގެ 76 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން، މެސީ ކާމިޔާބް ކޮށްދިން އިރު ފަހު ގޯލް މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
މިއީ ބާސާއިން މި ސީޒަނުގައި ބަލިނުވެ ފުރިހަމަކުރި 36 ވަނަ މެޗެވެ.
ލީގުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރޭ ވަނީ، ވެލެންސިއާގެ މައްޗަށް 1-3ގެ ނަތީޖާ އަކުން ކުރި ހޯދާފައެވެ.
ވެލެންސިއާ ދަނޑުގައި ކުޅުނު އެ މެޗުގެ 24 ވަނަ މިނިޓްގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެތުލެޓިކޯއަށް ލީޑް ނަގައިދިން ނަމަވެސް އޭގެ ފަސް މިނެޓްފަހުން ވެެލެންސިއާގެ ރަޝިއާ މިޑްފީލްޑަރު ޑެނިޝް ޗެރިޝޭފް ވަނީ އެޓީމަށް އެއްވަރުކޮށްދީފަ އެވެ.
އެތުލެޓިކޯއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑް ލިބިގެން ދިޔައީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ފެނާންޑޯ ޓޯރޭޒް، މެޗުގެ 72 ވަނަ މިނިޓްގައި ކާމިޔާބްކޮށްދިން ގޯލުންނެވެ.
އެ މެޗުގެ 80 ވަނަ މިނިޓްގައި ވެލެންސިއާގެ އެންޑަލިން ސަންޓޮސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު އެތުލެޓީކޯއިން ވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފެރޭރާ ކަރަސްކޯ ކާމިޔާބުކުރި ގޯލާއި އެކު ލީޑް އިތުރަށް ފުޅާކޮށްފައެވެ.
ރޭގެ އެ ނަތީޖާތަކާ އެކު ބާސާ އޮތީ ލީގުގެ އެއްވަނައިގައި 72 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 64 ޕޮއިންޓާއެކީ އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ލީގުގެ ތިންވަނައިގައި 60 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.