އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ގުދަންކުރާ ބަނގުރަލާއި އޫރުމަހުގެ ގުދަން ހުޅުމާލެއަށް ބަދަލު ކުރުމަކުން އެތަކެތި އާންމުވެގެން ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ، ހުޅުމާލެއަށް ބޮންޑެޑް ވެއާ ހައުސްތައް ބަދަލު ކުރުމުން ކަސްޓަމްސްއިން އެތަނުން ރަލާއި އޫރުމަސް ދޫކުރަން ހުއްދަދޭނީ ބަލަންޖެހޭ މިންގަނޑުތަކަށް ބަލައި ޔަގީން ކުރުމަށްފަހު ކަމަށެވެ.

"މިންގަނޑުތަކަށް ހުރީމަ އަޅުގަނޑުމެން ހުއްދަދޭނީ. ކަސްޓަމްސްގެ ސައިޑުން ޔަގީންކަން އެބައޮތް އޭގެތެރެއިން ބޭރުވެގެން ނުދާނެކަން އެތަނުގެ ތެރެއިން. ހަމަ ހުޅުލޭގެ ބޮންޑެޑް ވެއާ ހައުސްތައް ހުރިއިރު މެކޭނިޒަމް އެގޮތަށް ހަމަ ބެލެހިއްޓިގެންނޭ ދާނީ. ހުޅުމާލެއަށް ބަދަލު ކުރުމުންވެސް ކަސްޓަމްގެ ފަރާތުން އެ އޮންނަ ފުރިހަމަ ކޮންޓުރޯލް އޭގައި އޮންނާނެ،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ކަސްޓަމްސްގެ ކޮންޓުރޯލް އޭރިޔާއެއް ނަމަ ހުނަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެގޮތުން ކެމެރާއާއި ސަވައިލެންސް ކުރެވޭނެ ގޮތުގެ އިތުރުން ފެންސްޖަހައި ބަންދުކޮށްފައި އެތަން ހުންނަންޖެހޭނެ ކަމަށެވެ. ކަސްޓަމްސް އިން އެ ގުދަންތައް ބޭނުންކުރަން ހުއްދަދޭނީ އެ މިންގަނޑުތަކަށް ބަލައި ޔަގީން ކުރުމަށްފަހު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"އެތަން ހެދިފައި ހުންނަން ޖެހޭނީ، ކަސްޓަމްސްއިން ދޭ މިންގަނޑަކާއި އެއްގޮތަށް. ކަސްޓަމްސްގެ ކޮންޓުރޯލް އޭރިއާގައި ހުންނަންޖެހޭ މިންގަނޑުތައް އަޅުގަނޑުމެންވާނެ އިއުލާންކޮށްފަ. އެ މިންގަނޑުތަކަށް އެމްޕީއެލްއިން އެތަން ހަދާނީ،" ނިޔާޒު ވިދާޅުވި އެވެ.

ރަލާއި އޫރުމަސް ގުދަން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތްކުރާ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ރާ ގުދަން ނުވަތަ ބޮންޑެޑް ވެއާ ހައުސް ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ޕޯޓަށް ބަދަލު ކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އެއާއިއެކު ބަނގުރަލާއި އޫރުމަސް ދޫކުރާނީ ހުޅުމާލޭގައި ހުންނަ އެ ގުދަނުންނެވެ.