26 Apr 2011, 08:55
ކަންދަހާރު : އަފްޣާނިސްތާނުގެ ކަންދަހާރުގެ ޖަލެއްގައި ހައްޔަރުކޮށްފައިތިބި ތާލިބާން ހަނގުރާމަވެރިންގެ އެތަށް ސަތޭކަބަޔަކު ބިންގަރާހެއް ބޭނުންކޮށްގެން ފިލައިފިއެވެ.
ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ ޛަބީހުﷲ މުޖާހިދު ވިދާޅުވިގޮތުގައި ކަންދަހާރުގެ ސަރބޫސާ ޖަލުގައިތިބި އެޖަމާއަތުގެ ހަނގުރާމަވެރިން ސަލާމަތްކުރީ އެޖަލާ 320 މީޓަރު ދުރުން ބިމުގެ އަޑިން ބިންގަރާހެއްކޮނެގެން އެބިންގަރާސް ބޭނުންކޮށްގެން ކަމުގައެވެ.
ބިންގަރާސް ކޮނުނީ ކަންދަހާރުގައި ޙަރަކާތްތެރިވި ތާލިބާނުންގެ ޚާއްސަ ފަންނީ ޓީމަކުން ކަމަށާއި މިކަމަށް 5 މަސް ހޭދަވި ކަމަށް މުޖާހިދު ވިދާޅުވިއެވެ. ބިންގަރާހެއް ބޭނުންކޮށްގެން ތާލިބާން ހަނގުރާމަވެރިން މިނިވަން ކުރަން އެޖަމާއަތުން ކުރަމުންގެންދިޔަ މަސައްކަތް އެނގޭނީ ޖަލުގައިތިބި ތާލިބާނުންގެ އެތަށް ސަތޭކަ ބައެއްގެ ތެރެއިން އެންމެ ތިންމީހުންނަށް ކަމަށާއި މިއޮޕަރޭޝަން ކާމިޔާބުވުމުގެ އެއް ސަބަބަކީ މިއީ ކަންވެސް މުޖާހިދު ފާހަގަ ކުރެއްވިއެވެ.
އަފްޣާން ސަރުކާރުންވެސްވަނީ ކަންދަހާރުގެ ސަރބޫސާ ޖަލުން 476 މީހަކު ބިމުގެ އަޑީގެ ބިންގަރާހެއް ބޭނުންކޮށްގެން ފިލިކަން ކަށަވަރުކޮށްދީފައެވެ. ޖަލުން ފިލިމީހުންގެ ތެރޭގައި ގިނައީ ތާލިބާނުން ކަމަށްވިޔަސް އެނޫން މީހުންވެސް ތާލިބާނުންނާއެކު ފިލިކަމަށް ސަރބޫސާ ޖަލުގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
ޖަލުން ސަލާމަތްކުރި ތާލިބާނުންގެ ތެރޭގައި އެޖަމާއަތުގެ ހަނގުރާމަމަތީ ކޮމާންޑަރުންގެ 100 އެއްހާމީހުން ހިމެނޭކަމަށާއި ދެންތިބީ އާދައިގެ ހަނގުރާމަވެރިން ކަމަށް ޚަބަރުލިބެއެވެ.
ތާލިބާނުންފިލި ކަންދަހާރުގެ ސަރބޫސާ ޖަލަކީ އަފްޣާންސަރުކާރުން އެމެރިކާގެ ފަންނީ އެހީއާއެކު ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ބަލަހައްޓަމުން ގެންދާ ޖަލެކެވެ. ތާލިބާނުންވަނީ 2008 ވަނަ އަހަރުވެސް މިޖަލަށް ކުއްލި ހަމަލާއެއްދީ އެޖަލުގައި ހައްޔަރުކޮށްފައިވާ އެޖަމާއަތުގެ 12 ސަތޭކަ މީހުންގެ ތެރެއިން 9 ސަތޭކަ މީހުން މިނިވަންކުރުމުގައި ކާމިޔާބު ހޯދާފައެވެ.
ހައްޔަރުކޮށްފައިވާ ތާލިބާން ހަނގުރާމަވެރިންނަކީ ސިޔާސީ ކުށްވެރިންގެ ގޮތުގައާއި ހަނގުރާމައިގެ އަސީރުންގެ ގޮތުގައި އެމެރިކާއާއި އަފްޣާން ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްގެން އުޅޭ މީހުންނެވެ.
އެމެރިކާގެ ޓެކްނޮލޮޖީއާއި އެމެރިކާގެ ޖާސޫސީ ފަރާތްތަކަށް ގޮންޖެހުމަށްފަހު ތާލިބާނުންގެ ހިންގާ މިފަދަ ކާމިޔާބު އޮޕަރޭޝަންތަކަކީ ތާލިބާނުން ބަލިކުރުމުގައި އެމެރިކާއާއި ނޭޓޯގެ ޤައުމުތައް ނުކުޅެދިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
މީގެއިތުރުން މިއީ އަފްޣާނިސްތާން ކޮންޓްރޯލް ކޮށް އެޤައުމުގައި ސުލްޙަ ޤާއިމްކުރުމުގެ ޤާބިލްކަން ހުޅަނގުގެ މަދަދުލިބޭ އަފްޣާން ސަރުކާރުގެ ކިބާގައިނެތްކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް މިފަރާތްތަކުން ބުނެއެވެ. -- އެސޯސިއޭޓެޑް ޕްރެސް