07 Mar 2016, 11:29
(3 މާރޗްގެ އަދަދާ ގުޅޭ)
އަޅުގަނޑުމެން އެ ހެޔޮލަފާ ޞާލިޙު ދިރިއުޅުން އުޅޭންފެށުމުން ޤައުމުގެ މީހުން އަޅުގަނޑުމެންނާ ޢަދާވާތްތެރިވެއްޖެއޫއެވެ. އެކިގޮތްގޮތަށް އުނދަގޫކޮށް، ޖެއްސުންކޮށް އަނިޔާވެރިވާން ފަށައިފޫއެވެ. އެބައިމީހުން އަޅުގަނޑުމެންނަށް މަޖްބޫރުކުރީ ކުރީންވެސް އަޅުގަނޑުމެން އުޅެމުންއައި އަބާއްޖަވެރި ދިރިއުޅުމަށާއި ނުބައިނުލަފާކަމަށް އެނބުރި އައުމަށެވެ. އަޅުގަނޑުމެން ކުރިން ހައްޔަރުވެފައިތިބި މުޑުދާރު، ފާފަވެރި ޖަންގައްޔަށް އަނެއްކާވެސް އެނބުރި ވަނުމަށެވެ. ޤައުމުގެ މީހުންގެ އަނިޔާވެރިކަންބޮޑުވެ ކެތްނުވެވޭވަރުވުމުން އަޅުގަނޑުމެން ސަލާމަތް ހޯދުމަށްޓަކައި ޚިޔާރުކުރީ މާތް މަނިކުފާނުގެ ހިރިޔާފާތުރާގެ ދަށެވެ. އަޅުގަނޑުމެންނަށް އެނގިފައިވަނީ މަނިކުފާނަކީ ޢަދުލުވެރި، އިންސާފުވެރި ރަހެއްކަމުގައެވެ. އޯގާވެރި، ދީލަތިފުޅު، ހިތްޕުޅުހެޔޮ ވެރިޔެއްކަމުގައެވެ. އަޅުގަނޑުމެން އުންމީދުކުރަނީ މަނިކުފާނު އަޅުގަނޑުމެންނާމެދު އިންސާފުވެރިވެވަޑައިގަންނަވާނެކަމުގައެވެ. ދީލަތިފުޅުކޮށް، ހެޔޮފުޅުކޮށް ހިއްތަވާނެކަމުގައެވެ."
ނަޖާޝާ ވިދާޅުވިއެވެ. "އަހަރެން އަޑުއަހައިފައިވާ ގޮތުގައި، އަރަހުށިاللّـهތިޔަބައިމީހުންގެ ނަބިއްޔާއަށް ވަޙީބާވައިލައްވައެވެ. ތިޔަބައިމީހުންނަށް އޭގެ ނަމޫނާއެއް އިއްވަވައިދެވިދާނެހެއްޔެވެ؟"
جعفر بن أبى طالب رضى اللّـه عنــهއެވަގުތަކީ ޣަނީމާއެއްކަމުގައި ބައްލަވައި ނުހަނު ރީތިކޮށް އެހާމެ އަސަރުގަދަކޮށް މަރްޔަމް ސޫރަތް ކިޔަވައިވިދާޅުވިއެވެ. ކީރިތި ޤުރްއާނުގެ ޖާދުވީ އަސަރުން ނަޖާޝީގެ ހަށިކޮޅު ތުރުތުރު އެޅިއެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރެންފެށިއެވެ. އެކަރުނަފޮދުން އެރަސްގެފާނުގެ ތުނބުޅިފުޅު ފޯވިއެވެ. ދަރުބާރުގައި އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ބޮޑުންނަށާއި ކަމުވޮށިގެންވާ މީހުންނަށް އެމަންޒަރު ފެނުމުން ތިބީ ޙައިރާންވެ ފިކުރުބޮޑުވެފައެވެ. އެވަގުތު ނަޖާޝީ ގަދައަޑުފުޅަކުން ވިދާޅުވިއެވެ. "اللّـهގަންދެމެވެ.عيسىގެފާނަށް ބާވައިލެއްވި ތަކެއްޗާއި ތިޔަ ކިޔެވި ތަކެއްޗަކީ އެއްފަރާތަކުން، އެއްއަސްލަކުންއައި ތަކެއްޗެވެ."
އެއަށްފަހު ނަޖާޝީ ވިދާޅުވިއެވެ. "اللّـهގަންދެމެވެ. މިބައިމީހުން ބޭނުންހައިދުވަހަކު އަހަރެންގެ ރަށުގައި ތިބެވޭނެއެވެ. އަހަރެންގެ ފަރާތުން މިބައިމީހުންނަށްވަނީ ހުރިހާގޮތަކުންވެސް ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންނެވެ. މީހަކު އަހަންނަށް ރަންފަރުބަދައެއް ދީފައި މިބައިމީހުން ތިމަންނާއާ ޙަވާލުކުރާށޭ ބުނިކަމުގައިވިޔަސް، އަހަރެން އެކަމެއް ޤަބޫލެއް ނުކުރާނަމެވެ."
ނަޖާޝީ ޤުރައިޝުންގެ ވަފުދާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ތިޔަބައިމީހުން އަހަރެންގެ ފަރާތުން ކަމޭހިތުމާއެކު އެނބުރި ރަށަށްދާށެވެ. ތިޔަބައިމީހުން ތިޔަގެނައި ހަދިޔާތައްވެސް އަނބުރާ ގެންގޮސް ތިޔަބައިމީހުންގެ ވެރިންނާ ޙަވާލުކުރާށެވެ. އަހަރެން އެތަކެއްޗެއް ބޭނުމެއް ނޫނެވެ.اللّـهގެ ދީލަތިވަންތަކަމުން އަހަންނަށްވަނީ ހުރިހާ ތަކެއްޗެއްވެސް ދެއްވައިފައެވެ. މިބާވަތުގެ ކަންކަމާ އަންނައިރު ވެރީންނަށް ގެންނަ ހަދިޔާއަކީ ރިޝްވަތެވެ. ރިޝްވަތަކީ ޤަބޫލުކުރެވޭނެ އެއްޗެއްނޫނެވެ. މާތްاللّـهމިރަސްކަން އަހަންނަށް ދެއްވިއިރަކުވެސް އަހަރެންގެ އަތަކުން ރިޝްވަތެއް ނުހިއްޕަވައެވެ."
ޤުރައިޝުންގެ މަންދޫބުން ލަދުންއިސްދަށަށް ޖަހައިލައިގެންތިބެ ނިކުމެގެން އެބައިމީހުންގެ ދަތުރުވެރި ގެއަށް ހިނގައްޖެއެވެ. އެތަނަށްގޮސް އެކަކުއަނެކަކަށް ހިތުގެ ޙާލުގެ ވާހަކަ ކިޔައިދިނެވެ. އެމީހުން އެކަކުއަނެކަކާ ސުވާލުކުރިއެވެ. "ދެން ހަދާނީ ކިހިނަކުންހެއްޔެވެ؟ އަހަރެމެން މައްކާއަށްދާނީ ކޮންމޫނަކާއިގެންހެއްޔެވެ. އަހަރެމެންގެ ހުރިހާ ރޭވުމެއް މިދިޔައީ ބޮއްސުންލައިގެންނެވެ." ދެމީހުން އެތައްއިރަކު ސައްލާކުރުމަށްފަހުعمرو بن العاصވިދާޅުވިއެވެ.
"ނިކަން ހުންނާށެވެ! މާދަމާ އަލުން ދަރުބާރަށްގޮސް ނަޖާޝީގެ އަރިހުގައި ވާހަކައެއް ދަންނަވައި އޭނާ މިބައިމީހުންދެކެ ކޯފާއިސްކުރުވާނަމެވެ. މިފަހަރު އަހަރެންގެ ތީރު އަމާޒަށް ވާސިލުވާނެކަން ކަށަވަރެވެ."
عبد اللّـه بن أبى ربيعةސުވާލުކުރިއެވެ. "ކަލޭގެފާނުގެ ވިސްނުންފުޅަށް އައި ތިޔަފަދަ އާދަޔާ ޚިލާފު ތަދުބީރަކީ ކޮބައިތޯއެވެ؟"
عمرو بن العاصވިދާޅުވިއެވެ. "މުސްލިމުން ޤަބޫލުކުރަނީعيسى عليه السّلامއަކީ މާތްاللّـهގެ އަޅެއްކަމަށާއި، އިންސާނެއްކަމުގައެވެ. ނަޖާޝީ ޤަބޫލުކުރައްވާގޮތުގައިعيسىގެފާނަކީ މާތްاللّـهގެ ދަރިކަލެކެވެ. މިއީ ދަރުބާރުގެ މަސްރަޙު މުޅީން ބަދަލުކޮށްލެވޭފަދަ ހަތިޔާރެކެވެ. މާދަމާގެ ހެނދުންވިޔަދޭށެވެ. ބުއްދިތައް ޙައިރާންވެ އަންތަރީސްވާފަދަ މަންޒަރެއް ދައްކައިލާނަމެވެ."
عبد اللّـه بن أبى ربيعةދެންނެވިއެވެ.ކޮންމެހެން ތިޔަހެން ހައްދަވާކަށެއް ނުފެނެއެވެ. އެހެނީ ކޮންމެ ގޮތެއްގައިވެސް އެއީ ހަމަ ޤުރައިޝުވަންހައިގެ މީހުންނެވެ. އަޅުގަނޑުމެންގެ ލެއެވެ."
ނަމަވެސްعمرو بن العاصއެގޮތް ޤަބޫލެއް ނުކުރެއްވިއެވެ. ވިދިގެންއައިދުވަހުގެ ހެނދުނު ނަޖާޝީގެ ދަރުބާރު ފެށޭންވާއިރަށް ޤުރައިޝުންގެ ވަފުދު އެދަރުބާރަށް ހާޒިރުވެއްޖެއެވެ.
عمرو بن العاصއަދަބުއަދާކުރެއްވުމަށްފަހު ވިދާޅުވިއެވެ. އަޅުގަނޑު މިއައީ މުސްލިމުންނާބެހޭ ވަރަށް މުހިންމު ވާހަކައެއް އިއްޔެ ހަނދާންނެތި ނުދެންނެވި އޮތުމާއެކު އެވާހަކަ ދަންނަވާލުމަށެވެ. ކުރީންވެސް އަޅުގަނޑު ދަންނަވާލިފަދައިން އެބައިމީހުންނަކީ ވަރަށް އަދަބުކުޑަ ބައެކެވެ. ސަލާމްލެއްވިعيسىގެފާނާ ބެހޭގޮތުންވެސް އެބައިމީހުން ދައްކައިއުޅެނީ ވަރަށް ބޭއަދަބީ ވާހަކަތަކެކެވެ. މާތް މަނިކުފާނު އެބައިމީހުން ހާޒިރުކުރައްވައިعيسىގެފާނާމެދު އެބައިމީހުންގެ ނަޒަރިއްޔާއަކީ ކޮބައިތޯ ނިކަން ސުވާލުކުރައްވަ ބައްލަވާށެވެ."
ނަޖާޝީ މުހާޖިރުން ދަރުބާރަށް ހާޒިރުކުރައްވައިجعفر بن أبى طالب رضى اللّـه عنــهސުވާލުކުރެއްވިއެވެ. "ސަލާމްލެއްވިعيسىގެފާނާމެދު ތިޔަބައިމީހުން ބުނެއުޅެނީ ކީކޭހެއްޔެވެ؟"جعفرގެފާނު ވިސްނާވަޑައިގަތުމަށްފަހު ކަނޑައެޅުއްވީ މާތްاللّـهގެ ނަބިއްޔާ އުނގަންނަވައިދެއްވިގޮތަށް ތެދުބަހުން ޖަވާބުދެއްވުމަށެވެ.جعفرގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ނަބިއްޔާ އަޅުގަނޑުމެންނަށް އަންގަވައިފައިވަނީ އެކަލޭގެފާނަކީ މާތްاللّـهގެ އަޅެއްކަމަށާއި، އެކަލާނގެ ރަސޫލެއްކަމުގައެވެ. މާތްاللّـهމަރްޔަމުގެފާނާ ހަމަޔަށް ފޮނުއްވި އެކަލާނގެ ކަލިމަފުޅު ކަމުގައެވެ. އެކަލާނގެ ޙަޟުރަތުން ލެއްވި ރޫޙުފުޅެއް ކަމުގައެވެ."
ނަޖާޝީ ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ވާހަކަ މުޅީން ރަނގަޅެވެ. ތިޔަބައިމީހުން ތިޔަބަޔާންކުރީعيسى عليه السّلامގެ ޙަޤީޤީ ޙައިޘިއްޔަތެވެ. ތިޔަބައިމީހުންގެ ބަޔާނާ އެކަލޭގެފާނާ ރެވިއޮށްޓަރެއްގެ މިންވަރުގެވެސް ފަރަޤެއް ނުވެއެވެ." ދަރުބާރުގެ ބޮޑުން މަޑުމަޑުން ޗުކުޗުކުއަޅުވާން ފެށިއެވެ. ނަމަވެސް ނަޖާޝީ އެކަމަށް ސަމާލުކަމެއް ނުދެއްވިއެވެ.
ނަޖާޝީ ޤުރައިޝުންގެ ވަފުދާ ސުވާލުކުރެއްވިއެވެ. "މިބައިމީހުންގެ ތެރޭގައި މީހެއްގެ އަޅަކު ނުވަތަ މީހަކަށް ދަރައިއޮތް މީހަކު ނުވަތަ މީހަކު މަރައިގެން ޤިޞާޞު ހިފަންޖެހިފައިވާ މީހަކު ނުވަތަ ދިޔައެއް އަދާކުރަންޖެހިފައިވާ މީހަކު އެބަހުރިހެއްޔެވެ؟"
عمرو بن العاصވިދާޅުވިއެވެ. "ނޫނެކެވެ. ތިޔަ ވިދާޅުވިފަދަ މީހަކު ނެތެވެ."
ނަޖާޝީ ވިދާޅުވިއެވެ. އެހެންވީއިރު އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ތިޔަބައިމީހުނާއެކު ދިޔަމީހަކު ފިޔަވައި އެހެން އެކަކުވެސް ފޮނުވޭނެ މަގެއްނެތެވެ. ތިޔަބައިމީހުން ހިނގައިދާށެވެ!"
السّيّدة هند بنت أبى أميّة رضى اللّـه عنهاޙަބަޝާގެ މުހާޖިރުންގެ ވާހަކަ ރިވާކުރެއްވި ފުރިހަމަކަމުން އެވާހަކަ ވަނީ އިސްލާމީ ތާރީޚުގެ ވަރަށް މުހިންމު ބަޔާނަކަށްވެފައެވެ.السّيّدة هند رضى اللّـه عنهاއިތުރަށް ބަޔާންކުރައްވައިފައިވެއެވެ.
"ޤުރައިޝުންގެ ވަފުދުގެ މުރާދު ފުރިހަމަނުވެ ނާކާމިޔާބުވެގެން ފުރައިގެންދިޔަފަހުން އަހަރެމެން ޙަބަޝާގައި ދިރިއުޅެމުންދިޔައީ ނުހަނު އަމްނުއަމާންކަމާއި އުފާފާގަތިކަމުގައެވެ. އަހަރެމެން ހެނދުނާއި ހަވީރު މާތްاللّـهގެ ރަޙްމަތްވަންތަކަމަށް ޝުކުރު އަދާކުރަމުއެވެ. އަހަރެންގެ ފިރިކަލުންعبد اللّـه بن عبد الأسدއަހަންނާއެކު ހުންނެވިއެވެ. އަހަރެމެން އުޅެމުންދިޔައީ ނުހަނު އުފާފާގަތިކަމުގައެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمދެއްވައިފައިވާ ނަސޭހަތްޕުޅުތަކަށާއި އިރުޝާދުތަކަށް ބަރާބަރަށް ޢަމަލުކުރަމުއެވެ. އެގޮތުގައި އުޅެއުޅެތިއްބައި އަރަހުށި މާތްاللّـهއަހަރެމެން ދެމަފިރިންނަށް ހަނދެއްފަދަ އަންހެންކުއްޖަކު ދެއްވިއެވެ. އަހަރެމެން އެދަރިފުޅަށް ދިން ނަމަކީبرّةއެވެ. (ކައުސާހިބާصلّى اللّـه عليه وسلّمވަނީ އެކަމަނާގެ ނަންފުޅުزينبއަށް ބަދަލުކުރައްވައިފައެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުންزينبރައްކައުވީ މަދީނާގައެވެ.) އެއަށްފަހު އަހަރެމެން ދެމަފިރީންނަށްވަނީ ފިރިހެންކުއްޖަކު ލިބުމުގެ ނަސީބުވެސް ލިބިފައެވެ. އަހަރެމެން އެދަރިފުޅުގެ ނަމަކަށް ހަމަޖެއްސީسلمةއެވެ. އެދަރިފުޅުގެ ސަބަބުން އަހަރެންގެ ފިރިކަލުންނަށްأبوسلمةގެ ނަމުން އަހަންނަށްأمّسلمةގެ ނަމުން މުޚާޠަބުކުރެވޭން ފަށައިފިއެވެ. އެދެކުދީންގެ ސަބަބުން އަހަރެމެންގެ ގޯތިތެރެވަނީ ފަޅުފިލައި ޒީނަތްތެރިވެފައެވެ. އަހަރެމެންގެ ހިތްތައްވަނީ އުފަލުން ފޮޅިފައެވެ. ލޯތަކަށްވަނީ ފިނިކަން ލިބިފައެވެ.
السّيّدةأمّسلمة بنت أبى أميّةބަޔާންކުރައްވައިފައިވެއެވެ.
އަހަރެމެން ކިތަންމެ ހިތްހަމަޖެހިގެން ޙަބަޝާގައި ދިރިއުޅެމުން ގެންދިޔަކަމުގައިވިޔަސް މައްކާ މުޢައްޡަމާގެ މައްޗަކުން ހަނދާން ނައްތައެއް ނުލެވެއެވެ. އަހަރެމެންގެ ލޮބުވެތި ވަޒަނަށް އެނބުރި ދެވޭނީ ކޮންއިރަކުބާވައޭ މިސުވާލު އަބަދުވެސް ހިތާއި ސިކުނޑިޔަށް އުނދަގޫކުރަމުންދެއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ދީދާރުފުޅުފެނި ލޮލަށް ފިނިކަމާއި ހިތަށް އުފާވެރިކަން ލިބޭނީ ކޮންދުވަހަކުތޯ އަބަދުވެސް ޚިޔާލު ކުރެވެއެވެ.
އަހަރެމެން އެގޮތުގައި އުޅެއުޅެތިއްބައި އެއްދުވަހަކު ޙަބަޝާގައި ފެތުރުނު ޚަބަރަކީعمر الفاروق رضى اللّـه عنهއިސްލާމްވެވަޑައިގެންނެވި ޚަބަރެވެ.عمرގެފާނުގެ ހައިބަތުގެ ސަބަބުން މައްކާގެ މުޝްރިކުންގެ ހިތްތަކުގައި ޖެހިލުންވުން އުފެދި މުސްލިމުންނަށް އަނިޔާކުރުން ހުއްޓައިލި ޚަބަރެވެ. މައްކާގެ މަސްރަޙު މުޅީން ބަދަލުވި ޚަބަރެވެ.
އެ ޚަބަރުން އަހަރެމެންގެ ހިތްތަކުގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކުރިކަހަލައެވެ. އަހަރެމެން އަވަސްއަވަހަށް ދަތުރު ހަދައިލައިގެން މައްކާއަށް ދަތުރުކޮށްފީމުއެވެ.عثمان غنى رضى اللّـه عنهއާއި،رقيّه بنت رسول اللّـه صلّى اللّـه عليه وسلّمއާ ދެމަފިރިކަނބަލުންވެސް އަހަރެމެންނާއެކު މައްކާއަށް ވަޑައިގެންނެވިއެވެ. އަހަރެމެންނަށް މައްކާއަށް އާދެވުމުން އެނގުނީ އަހަރެމެންނަށް ލިބުނު ޚަބަރަކީ ޙަޤީޤަތެއް ނޫންކަމެވެ. މައްކާގެ މުޝްރިކުން އިހުނަށްވުރެވެސް މާބޮޑަށް މުސްލިމުންނަށް އަނިޔާކުރާކަމެވެ. ޙަބަޝާގައި ފެތުރުނު ޚަބަރަކީވެސް މައްކާގެ މުޝްރިކުންގެ ރޭވުމުގެ މަތީން ގަސްދުގައި ފަތުރައިލި ދޮގު ޚަބަރެއްކަމެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މުޝްރިކުންގެ އަނިޔާވެރިކަމުގެ އަޑީގައި ފިސްވުމަށްޓަކައި އަހަރެމެންނަށްވަނީ މައްކާއަށް އެނބުރި އާދެވިފައެވެ.
أبوسلمة رضىاللّـه عنهމައްކާއަށް އެނބުރިވަޑައިގަތުމާއެކު މައްކާގެ މުޝްރިކުން ޚާއްޞަ ގޮތެއްގައި އެކަލޭގެފާނު އަނިޔާވެރިކަމުގެ އަމާޒުފަތްގަނޑަކަށް ހެދިއެވެ. މުޝްރިކުންގެ ދުއްތުރާތަކާހުރެ އަލުން ޙަބަޝާއަށް ވަޑައިގަތުމަށްأبوسلمةޤަޞްދުކުރެއްވިއެވެ. ނަމަވެސް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އިރްޝާދު ދެއްވީ ކެތްތެރިވެވަޑައިގަތުމަށެވެ. ސާބިތުކަންމަތީ ދެމިހުންނެވުމަށެވެ. އެކަލޭގެފާނުގެ ދެވަނަ އަމުރުފުޅަކަށް އިންތިޒާރުކުރެއްވުމަށެވެ.
(ނުނިމޭ)