07 Mar 2016, 12:30
ކުޅުދުއްފުއްޓަށް މަސްތުވާ ތަކެތި އެތެރެ ކުރި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ކުޅުދުއްފުށީ ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނީ އެ ރަށު، ތާޖު އަހުމަދު ސަބާހު،29، ކުޅުދުއްފުއްޓަށް 2014 ވަނަ އަހަރުގެ އެޕްރީލް މަހު 0.6204 ގްރާމުގެ މަސްތުވާ ތަކެތި އެތެރެކުރިކަން ސާބިތުވާ ކަމަށެވެ.
"މި ކުށުގެ އުގޫބާތެއްގެ ގޮތުން ... ހދ.ކުޅުދުއްފުށީ، ތާޖު އަހުމަދު ސަބާހު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 50000ރ. އިން ޖުރިމާނާކޮށް މިފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މިކޯޓަށް ދައްކާ ޚުލާސާކުރުމަށް އަހުމަދު ސަބާހަށް އަންގައި، މިގޮތުގެމަތިން ޙުކުމް މިގަޟިއްޔާ ނިންމީ އެވެ." ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމްގައިވެ އެވެ،
އެ ކޯޓުގެ ހުކުމްގައި ބުނީ ސަބާހު މަސްތުވާ ތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅުނު ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 21 އެޕްރީލް 2014 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ސަބާހު ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ދިޔަ ފެރީއަކުން މަސްތުވާ ތަކެތި އެތެރެ ކުރިކަން ހޯދިފައިވާ ކަމަށެވެ.