07 Mar 2016, 11:27
ޒަހަމްތަކަކާ އެކު ރޭ އައްޑޫ ސިޓީގެ ހިތަދޫ މަގެއްގެ މައްޗަށް "އެއްލާލާފައި" އޮއްވައި ފެނުނު ކުއްޖާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެންނަން ނިންމައިފި އެވެ.
ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާ އެކު އެ ކުއްޖާ ރޭ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ވެސް ނެތް ކަމަށާއި ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ހިތަދޫ ހޮސްޕިޓަލުން އެ ކުއްޖާ ބެލުމަށްފަހު، ބޮލަށް ގެއްލުންތަކެއް ލިބިފައިވާތީ އިތުރު ފަރުވާ އެ ހޮސްޕިޓަލުން ދެވެން ނެތުމުން ޑޮކްޓަރުން އެ ކުއްޖާ މާލެއަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު މެންދުރުގެ ވަގުތެއްގައި މާލެއަށް ފުރުވާލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ، މިހާރު ވާހަކަދެއްކޭ ކަމަށާއި ނަމަވެސް، ބޮލަށް ގެއްލުންތަކެއް ލިބިފައިވާތީ، ރަނގަޅަށް ބެލުމަށްފަހު އިތުރު ފަރުވާއަކަށް ވީހާވެސް އަވަހަށް ނުގޮސްފިނަމަ، ސީރިއަސް ވެދާނެ ކަމަށާއި "ގޯހުން ގޯހަށް ގޮސްދާނެ" ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.
ޒަހަމްތަކަކާ އެކު މަގެއްމަތިން ފެނިފައި ވަނީ ހިތަދޫ އަލިމަސްވާދީ އަބްދުﷲ އިރުޝާމް 16 އެވެ. އޭނާ މަގެއްގައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދު ޕެޓްރޯލް ކުރުމުގައި އުޅުނު ފުލުހުންނެވެ.