07 Mar 2016, 11:35
ކޮލަމްބޯ (މާޗް 7):އެޗްއައިވީ ހުރިކަމަށް ބުނެ ދޮގު ހަބަރު ފެތުރުމުން ސްކޫލަށް ދިޔުން ހުއްޓާލަން މަޖުބޫރުވި ހަ އަހަރުގެ ކުއްޖާއަށް ލަންކާގެ ބައެއް ފަރާތްތަކުން މިހާރު ދަނީ އެހީ ފޯރުކޮށްދެމުންނެވެ.
ސްރީލަަންކާގެ އެޑިއުކޭޝަން މިނިސްޓަރު، އަކިލާ ވިރާޖް ކަރިޔާވަސަމް ވަނީ އެކުއްޖާ ތައުލީމު ހާސިލުކުރާނެ ތަނެއް ހޯދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ބީބީސީއާ ވާހަކަދައްކަވަމުން ކަރިޔާވަސަމް ވިދާޅުވީ، އަމިއްލަ ކުންފުންޏަކުން ވަނީ ކުއްޖާގެ ކިޔެވުން ސްޕޮންސާ ކުރަން ނިންމައިފަ ކަމަށެވެ. އަދި އެކުއްޖާ ކިޔަވާ ނިމެންދެން ކިޔެވުމާ ބެހޭ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެކުންފުނިން ކަމަށް ކަރިޔާވަސަމް ވިދާޅުވި އެވެ. އެކުންފުންޏާ ބެހޭ އިތުރު މައުލޫމާތު ކަރިޔާވަސަމް ނުދެއްވަ އެވެ.
މީގެ އިތުރުން، ހެޔޮއެދޭ ފަރާތްތަކުން ކުޑަކުއްޖާއާއި އެކުއްޖާގެ މަންމަ، ޗާންދަނީ ޑި ސޯއިސާއަށް އާގެއެއް ފޯރުކޮށްދޭނެ ކަމަށްވެސް ކަރިޔާވަސަމް ވިދާޅުވި އެވެ.
އެމައްސަލައާ ގުޅިގެން ލަންކާގެ ރައީސް، މައިތިރިޕާލަ ސިރިސޭނާ ވަނީ ހޮނިހިރު ދުވަހު ކުއްޖާގެ މަންމައަށް ފޯނުން ގުޅުއްވައި، ކުއްޖާއަށް ސްކޫލަކަށް ދެވޭނެގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އެޗްއައިވީ ޖެހިފައި ހުރިކަމަށް ހަބަރު ފެތުރުނީ އޭނާގެ ބައްޕަ މަރުވީ އެއިޑްސް ޖެހިގެން ކަމަށް އަވަށުގެ މީހުން ލަފާކުރުމުން ކަމަށް ޗާންދަނީ ބުންޏެވެ. ނަމަވެސް، ކުއްޖާގެ ބައްޕަ މަރުވީ ޓީބީ ޖެހި، ކިޑްނީ ފެއިލްވުމުގެ ސަބަބުން ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. (ބީބީސީ)