ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރަމުން އަންނަ ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭ (ހަޔަސް) މި މަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބިއުރޯއިން ބުނެފި އެވެ.

ބިއުރޯއިން ބުނީ އެ ސާވޭގެ މަގުސަދަކީ ގޭބިސީގެ ދިރިއުޅުމުގެ ފެންވަރާއި ފަގީރުކަން ހުރި މިންވަރު ދެނެގަތުން ފަދަ އިގްތިޞާދީ އަދި އިޖުތިމާއީ މައުލޫމާތު އެއްކުރުން ކަމަށެވެ.

އެގޮތުން މި ސާވޭއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ކޮންސިއުމާ ޕްރައިސް އިންޑެކްސްގެ ބާސްކެޓުގައި ހިމެނޭ މުދަލާ ހިދުމަތުގެ ބުރަދަން ގޭބިސީގެ ހަރަދުކުރުމުގެ ގިންތިއަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް އިސްލާހު ކުރެވޭނެ ކަމަށާއި، ގޭބިސީތަކުން ބޭނުންކުރާ ކެލަރީގެ މިންވަރު ދެނެގަނެ ފަގީރުކަން ދައްކުވައިދޭ މިންގަނޑުތައް އެކުލަވައިލެވޭ ގޮތް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް އެ ބިއުރޯއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ސާވޭއިން ހޯދޭ ގޭބިސީތަކުގެ ހަރަދު ފަދަ މައުލޫމާތު ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ހަރުދަނާ ކުރެވި، ސާވޭގައި ސިއްހީ ފަރުވާއަށް ގޭބިސީތަކުން ކުރާ ހޭދައާ އެހެނިހެން ސިއްހީ ހިދުމަތް ހޯދާ މިންވަރު ދެނެގަނެ ނެޝަނަލް ހެލްތު އެކައުންޓްސް އެކުލަވާލުމަށް ބޭނުންކުރެވޭނެ ކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.

ސާރވޭގައި ނަގާ ތަފްސީލުގެ މައުލޫމާތު:

  • ސާވޭގައި ގޭބިސީތަކުގެ ހުރިހާ ފަރުދުންގެ ހުރިހާ ހަރަދެއްގެ ތަފްސީލު ފުރިހަމައަށް ހޯދަން ޖެހޭ.
  • ވޭތުވެ ދިޔަ ތިން މަހާއި، ހަ މަހާއި އަދި 12 މަހުގެ ތެރޭގައި ކޮށްފައިވާ އާންމުކޮށް މަހުން މަހަށް ނުހިނގާ ހަރަދުތަކުގެ ތަފްސީލް.
  • ވޭތުވެދިޔަ 12 މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ ހަރަދު.
  • ބޭސްފަރުވާއަށް ގޭބިސީގެ މީހުންގެ އަތުން ކޮށްފައިވާ ހަރަދުތައް.
  • ހަރުމުދަލުގެ ހަރަދު.
  • ގޭބިސީގައާއި ގޭބިސީން ބޭރުގައި ކެއުމަށް ބޭނުންކުރާ ތަކެތީގެ މައުލޫމާތު.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ އެ ސާވޭގައި ހަރަދުތަކުގެ ތަފްސީލުގެ އިތުރުން، ގޭބިސީގެ މީހުންގެ އުމުރު، ތައުލީމީ ފެންވަރު، ހިޖުރަކުރުން ފަދަ އާންމު މައުލޫމާތު، ގޭބިސީގައި ބޭނުން ކުރުމަށް ހުރި ގިނަ ދުވަހަށް ދެމި ހުންނަ ހަރުމުދާ ފަދަ ތަކެތީގެ މައުލޫމާތު، މަސައްކަތްތެރިކަމާ އާމްދަނީގެ މައުލޫމާތު، ވަޒީފާ ނެތި ތިބި ފަރާތްތަކުގެ މައުލޫމާތު އަދި ގޭބިސީގެ މީހުންގެ އަމިއްލަ ބޭނުމަށް އުފައްދާތަކެތީގެ މައުލޫމާތާއި މަސައްކަތުގައި ހޭދަކުރާ ވަގުތު ފަދަ ތަފުސީލު ހޯދޭނެ ކަމަށެވެ.

ސްޓެޓިސްޓިކްްސް ބިއުރޯއިން ތަމްރީނުކޮށްފައިވާ އެނިއުމަރުންގެ ޓީމުތަކުން ކުރާ މިސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަމަސް ދުވަހުގެ މުއްދަތަކަށެވެ. މި މަހުގެ ތެރޭގައި ސާވޭ ފެށުމަށް ނިންމާފައި ވާއިރު، އޮކްޓޫބަރުގެ ނިޔަލަށް ސާވޭ ކުރިއަށް ދާނެ އެވެ.

މާލޭގައި ސާވޭ ކުރުމަށް ރޭވިފައި ވަނީ ހޮވާލެވޭ ޖުމްލަ 720 ގޭބިސީއަކަށެވެ. އަދި އަތޮޅު ތެރޭގެ 20 އަތޮޅަކުން ހޮވާލެވޭ ޖުމްލަ 4265 ގޭބިސީއެއްގައި ސާވޭ ކުރެވޭނެ އެވެ. ސާވޭގެ ނަތީޖާ އަތޮޅުފެންވަރުގައި އެކުލަވައިލާނެ އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ސާވޭއަށް ގޭބިސީގެ މެމްބަރުންގެ ފަރާތުން އެއްބާރުލުން ހޯދުމަށް، ސާވޭއަށް ފުރިހަމައަށް އެއްބާރުލުންދޭ ގޭބިސީތަކުގެ އަގު ވަޒަންކުރުމަށް 500 ރުފިޔާގެ މުދާ ނެގޭ ފަދަ ވިޔަފާރި ކޫޕަނެއްވެސް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމާފަ އެވެ.

ސާވޭގެ މައުލޫމާތު ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރުމަށް ރާވާފައިވާ ސާވޭ އެންމެ ފަހުން ކޮށްފައި ވަނީ 2009/2010 ގަ އެވެ.