26 Apr 2011, 08:45
މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވެސް އޭސީސީން ވަނީ ކޮޅު ވެއްޓިއެއްގެ މައްސަލައިގައި އެ އުޅަނދާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައިފަ އެވެ. އަދި ވެސް އެ ކޮޅުވެއްޓި ތިލަފުށީ ބަނދަރުގައި އޮތީ އެވެ. އޭސީސީން އެންގި ގޮތަށެވެ. އުޅަނދުގެ ހާލަތެއް ނޭންގެ އެވެ. މި ކޮޅުވެއްޓީގެ މައްސަލައިގައި ވެސް ގޮތް ކިޔާފައި ވަނީ އޭސީސީން އެކަންޏެވެ. އެކަމަކު ކޯޓުން މިކަމާ މެދު ގޮތެއް ނިންމާފައި އޮތް ނަމަ އެ އުޅަނދު ބާވެ، ހަލާކުވުމަށް ތިލަފުށީ ފަޅުގައި އޮންނަން ނުޖެހުނީސްކަން ކަށަވަރެވެ. ހަމަ މިއާއެކު ގާނޫނީ ސުވާލެއް ވެސް އާދެ އެވެ. އެއީ ފަހު ބަސް ބުނާ ފަރާތަކީ އޭސީސީ ހެއްޔޭ ކުރެވޭ ސުވާލެވެ؟
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ދައުލަތުގެ އެންމެ މުހިންމު އެއް އިދާރާ އެވެ. މި ކޮމިޝަން ރަނގަޅު ގޮތުގައި ހަރަކާތްތެރިނުވާ ނަމަ ގައުމުގެ އިގްތިސާދާއި ހަމަޖެހުމަށް ނުރައްކާ ވެދާނެ ކަމުގައި ވެސް ބެލެވިދާނެ އެވެ. އެއީ ކޮރަޕްޝަން ގިނަ ވެއްޖެ ގައުމެއްގައި އަދުލް އިންސާފު ލިބުމަކީ ވެސް ދަތި ކަމަކަށްވާނެތީ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ އޭސީސީގެ ހަރަކާތްތަކަށް ބަލާއިރު އެ ކޮމިޝަން އެންމެ ފުރިހަމައަށް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ އެވެ. ސަރުކާރުގެ ބައެއް ބޮޑެތި ޕްރޮޖެކްޓުތަކުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހުރުމުން އޭސީސީން ވަނީ އެކަންތައް ހުއްޓުވައިފަ އެވެ. އަދި އަލުން އާ ފެށުމަކުން އެފަދަ ޕްރޮޖެކްޓުތައް ފެށުމަށް އޭސީސީން ވަނީ އަންގައިފަ އެވެ. އެހެންނަމަވެސް އޭސީސީން ބައެއް ޕްރޮޖެކްޓުތައް ވަގުތުން "ހުއްޓާލުމަށް" އަންގާ އެންގުންތްތަކާމެދު ގާނޫނީ ގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެއީ އޭސީސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ގާނޫނީ ވަކީލުން ވެސް އުޅުއްވަ އެވެ.
"އޭސީސީއަށް ގާނޫނުން ބާރު ލިބިދޭ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ. އެކަމަކު އެފަދަ އެންގުންތައް އެންގޭނީ ގާނޫނުގެ ހުދޫދުގެ ތެރޭގައި. އޭސީސީ ގާނޫނުގައި ބުނެފައި ވަނީ އެ ކޮމިޝަނުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގޭނީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް،" ގާނޫނީ ވަކީލު ހަސަން ފަލާހު ވިދާޅުވި އެވެ.
އޭސީސީ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮމިޝަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ޖިނާއީ އިޖްރާއަތުގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފްނުވާނެ ގޮތުގެ މަތިން އަންނަނިވި ކަންތައް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
އޭސީސީއަށް ލިބިދޭ 11 ބާރެއް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކޮމިޝަނުގެ ތަހުގީގަށް މީހުން ހާޒިރު ކުރުމާއި ލިޔުންތައް ބެލުމާއި މައުލޫމާތު ދިނުމަށް އެންގުމުގެ ބާރު މި މާއްދާތަކުގައި ކޮމިޝަނަށް ދީފައިވެ އެވެ. އެކަމަކު ޕްރޮޖެކްޓެއް ނުވަތަ ކަމެއް ހުއްޓުވުމަށް އޭސީސީއަށް އެންގިދާނެ ކަމަށް މި މާއްދާތަކުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
"އޭސީސީ ގާނޫނުގެ 22 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވަނީ އެ ކޮމިޝަނަށް ލިބިދޭ ބާރުތައް. މި މާއްދާތަކުގައި ބަޔާންކޮށްފައެއް ނުވޭ ޕްރޮޖެކްޓެއް ނުވަތަ ކަމެއް ހުއްޓާލުމަށް އޭސީސީއަށް އެންގިދާނެ ކަމަކަށް. ގާނޫނުގެ 22 ވަނަ މާއްދާއިން ނުލިބޭ ބާރެއް ކޮމިޝަނަކަށް ބޭނުމެއް ނުކުރެވޭނެ،" ކުރިން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ. "އަމިއްލައަކަށް ކަންކަން ހުއްޓުވުމުގެ ބާރެއް އޭސީސީއަކަށް ލިބިގެނެއް ނުވޭ."
ފަލާހު ވިދާޅުވީ މިހާރު ވެސް ސަރުކާރުގެ ޕްރޮޖެކްޓުތަކާއި ބައެއް މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން އަންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަމަކު އެ ޕްރޮޖެކްޓުތައް ކުރިއަށްދާ ގޮތް ބެލުމުގެ ބާރު އޭސީސީއަށް ލިބިގެންވާ ކަމަށް ވަކީލުން ވެސް ގަބޫލު ކުރައްވަ އެވެ. އަދި ކޮރަޕްޝަން ހިމެނޭ ކަމަށް އޭސީސީން ގަބޫލު ކުރާ ޕްރޮޖެކްޓުތައް ގާނޫނީ އިމުގެ ތެރެއިން ހުއްޓުވަން މަސައްކަތް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް ވެސް ވަކީލު ދެކެވަޑައިގަންނަވަ އެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ހިނގާ ނަމަ އެކަމެއް ހުއްޓުވުމަށް އޭސީސީއަށް ވެސް މަސައްކަތް ކުރެވިދާނެ. އެކަމަކު އެ ކޮމިޝަނަށް އަމިއްލައަކަށް ނޭންގޭނެ މިވެނި ކަމެއް އެވެނި ކަމެއް ވަގުތުން ހުއްޓާލާށެކޭ. އޭސީސީން ވެސް ޖެހޭނީ ކޯޓަށްދާން. ގޮސް އެފަދަ ކަމެއް ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދެން. ކޯޓުން މިފަދަ ކަންކަމުގައި ފިޔަވަޅެއް އަޅަންޖެހޭނީ،" ވަކީލު ވިދާޅުވި އެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވީ އޭސީސީގެ މައިގަނޑު މަސްއޫލިއްޔަތަކީ މައްސަލަތައް ބަލައި ތަހުގީގު ކުރުން ކަމަށެވެ. އަމަލީ ފިޔަވަޅު އެޅުމަށް އެންގުމަކީ އޭސީސީގެ ބާރުގެ ތެރޭގައި ނުވަތަ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ވަކީލު ވިދާޅުވި އެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން އޭސީސީ ގާނޫނުގެ ދެ މާއްދާއެއް ވަކީލު ބަޔާން ކުރި އެވެ.
"އޭސީސީ ގާނޫނުގެ 25 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައި މި އޮންނަނީ މައްސަލައެއް ބަލައި ނިމުމުން އޭސީސީއަށް އަމަލު ކުރެވިދާނެ ގޮތްތައް ބަޔާންކޮށްފައި. މި މާއްދާގައި ވެސް ނުބުނޭ އެ މައްސަލައަކީ ހަމަ ހަގީގަތުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް އޭސީސީއަށް ފެންނަ ނަމަ އެ ޕްރޮޖެކްޓެއް ހުއްޓާލުމަށް އެންގިދާނެ ކަމަކަށް. އޮންނަނީ އެގޮތަށް އޭސީސީއަށް ގަބޫލު ކުރެވޭ ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިދާނެ ކަމަށް،" އެ ވަކީލު ވިދާޅުވި އެވެ. "މައްސަލަ ބަލައި ތަހުގީގުކޮށް ނިމުމުން ވެސް އޭސީސީއަކަށް ނޯވޭ އެ ކަމެއް ހުއްޓުވުމުގެ ބާރު ލިބިދީފައެއް. ޕީޖީ އޮފީހަށް ހުށަހެޅިދާނެ ކަމަށް މި އޮންނަނީ."
އެ ވަކީލު ވިދާޅުވީ ޕްރޮޖެކްޓުތައް ނުވަތަ މަސައްކަތްތައް ހުއްޓުވުމުގެ ބާރު އޭސީސީއަށް ލިބިދީފައި ނުވަނީ ވެސް އެންމެ އިންސާފުވެރިކޮށް އެ މައްސަލައެއް ނިންމުމަށްޓަކައި ކަމަށެވެ. އަދި ހަމައެކަނި ކޮމިޝަނުން ބުނާ ބުނުމުގެ ބަދަލުގައި ކޯޓަކުން އެ ކަމެއްގައި ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.