އެމެރިކާ( 7 މާޗު 2016) -- ވިހި ވަނަ ގަރުނުގައި އެމެރިކާގައި ވަރަށް މަގުބޫލުކަން ހޯދި އަދި ނުފޫޒު ގަދަ ފަސްޓް ލޭޑީ ނޭންސީ ރޭގަން ހިތުގެ އާލަސްކަންފުޅެއްގައި އިއްޔެ އަވަހާރަވެއްޖެ އެވެ. އެކަމަނާ އަވަހާރަވީ އުމުރުން 94 އަހަރުގައި ލޮސްއެންޖިލަސްގައި ހުންނަ އެކަމަނާގެ ގޭގަ އެވެ.

ނޭންސީ ރޭގަން ފަސްދާނުލާނީ އެކަމަނާގެ ފިރިކަލުން ރޮނަލްޑް ރޭގަންގެ މަގުބަރާއާ ޖެހިގެން، ސިމީ ވެލީ، ކެލިފޯނިއާގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އެކަމަނާ ފަސްދާނު ލުމުގެ ކުރީން އެކަމަނާގެ މޫނުދެއްކުން އޮނާނެ ކަމަށާއި އެކަން އޮންނާނީ ކެލިފޯނިއާގައި ހުންނަ ރައީސް ރޭގަންގެ ލައިބްރަރީގައި ކަމަށް އެންބީސީ ނިއުސް އިން ބުންޏެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝައިލޭ ނެރުއްވި ބަޔާނެއްގައި ބުނީ ނޭންސީގެ ހަޔާތާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި އަަދި އެކަމަނާގެ ގައިޑެންސާ މެދު ވެސް ފަހުރުވެރިވާ ކަމަށެވެ. އަދި އެކަމަނާ އާއި އެކަމަނާގެ ފިރިކަލުން ރޮނަލްޑް ރޭގަން އަށް ހެޔޮގޮތްތައް ވުމަށް ދުވާ ކުރާ ކަމަށެވެ.

އެމެރިކާގައި ނުފޫޒު ގަދަ ފަސްޓް ލޭޑީއެއް ކަމަށްވާ ބާބަރާ ބުޝް ނެރުއްވި ސްޓޭޓްމަންޓެއްގައި ބުނީ ނޭންސީގެ މުޅި ހަޔާތް ހޭދަ ކުރެއްވީ ރޭގަންގެ ހިދުމަތުގައި ކަމަށާއި އަދި އެކަމަނާގެ ހިތަށް އުފާވެރިކަން ލިބެނީ އެ ދެ މަފިރިން އަލުން ބައްދަލުވާނެތީ ކަމަށެވެ.

ނޭންސީ 1950 ވަނަ އަހަރު ރޮނަލްޑް ރޭގަންއާ ބައްދަލުވި އިރު ރޭގަން އަކީ ފިލްމް ކުޅޭ މީހެކެވެ. އޭނާ އެމެރިކާގެ ރައީސް ކަން ކުރެއްވީ އޭގެ ފަހުންނެވެ.