07 Mar 2016, 10:50
ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ދެކެވޭ ވާހަކަތަކަށް ފޯކަސްކޮށްގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ބައެއް ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ބޭރުގެ މީޑިއާތަކުގައި ބައެއް ދިވެހިން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައި، ޖަރުމަނުގައި މާދަންފަށާ އައިޓީބީ ފެއާއަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ، އެފަދަ ކަންކަމަށް ފޯކަަސްކޮށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށްހުރި ވަރަށް ގިނަ ޗެލެންޖާސްތައް އެބަހުރި. މިސާލަކަށް އަޅުގަނޑުމެން ޓޫރިޒަމް ކުރިއެރުވުން ހުއްޓުވުމަށްޓަކައި ރާއްޖެ ތަފާތު ގޮތްގޮތަށް ރާއްޖެ ބަދުނާމްވާގޮތަށް، މިސާލަކަށް އައިއެސް އާއި ގުޅުންހުރިތަނެއްގެ ގޮތަށް ދެއްކުމާއި އަދިވެސް އެހެން އަންނަ ޓޫރިސްޓުން ބިރުގަންނަކަހަލަ ވާހަކަ ފެތުރުންފަދަ ކަންތައް އެބަހިނގާ. އެހެންވީމަ އަޅުގަނޑުމެން އެކަންކަމަށް މައިގަނޑުފޯކަސްދީގެން ސަމާލުވާންޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުންގެންދާނީ އިރާދަކުރެއްވިއްޔާ،" ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކާއި ގުޅިގެން ކުރިއަށްއޮތް ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭގައި މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެގޮތުންތަފާތު ޕީއާރް ކުންފުނިތައް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޓޫރިސްޓުން އަންނަ ބައެއް މާކެޓުތަށް ދަށްވެގެންދިޔަ ނަމަވެސް ޖުމުލަކޮށް އަހަރުން އަހަރަށް ބަލާއިރު ޓޫރިސްޓުން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖަރުމަނުގެ ބާލިންގައި އޮންނަ އައިޓީބީ ފެއާއަށް ފުރާވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، މިފަހަރު އެ ފެއާގެ "ހޯސްޓް ކަންޓްރީ" އަކީ ރާއްޖެ ކަމަށްވާއިރު ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ ޓޫރިޒަމްގެ ތަފާތު ކަންތައްތައް އެ ފެއާގެ ތެރެއިން ދަށްކުވައިދޭނެ ކަމަށެވެ.
އެ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަނަށް ފުރާވަޑައިގަތުމުގެ ކުރިން، އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ތިމާވެއްޓާއި ޓޫރިޒަމާއި އޮންނަނީ ގުޅިފައި ކަމަށެވެ. ރާއްޖެއަކީ މުރަކައިގެ ރީތި މަންޒިލަކަށްވުމުގެ އިތުރުން ރާއްޖެއަކީ އެންމެ ބޮޑެތި އަތޮޅުތައް ހުރިގައުމަށް ވާއިރު އެކަންކަމާއި ގުޅިގެން ސަރުކާރުން ދަނީ ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތް ކުރަމުން ކަމަށް ތޯރިގު ވިދާޅުވިއެވެ.