ޖަކާޓާ (މާޗް 7):އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާގައި ކުރިޔަށްދާ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ސޫދާނުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު ބައިވެރިވެ ވަޑައިގެންފިއެވެ.

މިއީ ބަޝީރު ހައްޔަރު ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން 2009 ވަނަ އަހަރު ނެރެފައިވާ އަމުރަށް ގޮންޖެހުމަށްފަހު އިންޑޮނީޝިޔާއަށް އޭނާ ކުރެއްވި ދަތުރުފުޅެކެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރަށް ގޮންޖެހުމަށްފަހު ބަޝީރުވަނީ އޭޝިޔާއާއި އެފްރިކާގެ އެތަށް ގައުމަކަށް ދަތުރުފުޅުތައް ކުރައްވާފައެވެ. މީގެތެރޭގައި އެ ކޯޓުގެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކާއި ބައިވެރިނުވާ ގައުމުތައްވެސް ހިމެނެއެވެ.

އިންޑޮނީޝިޔާއަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ބައިވެރިނުވާ ގައުމެކެވެ. އެހެންކަމުން ބަޝީރު އެގައުމަށް ވަޑައިގެންނެވި ނަމަވެސް އޭނާ ހައްޔަރުކޮށް އެ ކޯޓާ ހަވާލުކުރާކަށް އިންޑޮނީޝިޔާއަކަށް ނުޖެހޭނެއެވެ.

ބަޝީރު ހައްޔަރު ކުރުމުގެ އަމުރު 2009 ވަނަ އަހަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވަނީ ސޫދާނުގެ ދާރުފޫރު ސަރަހައްދުގައި ހިނގާ ނަސްލީ ހަމަނުޖެހުންތަކުގައި ސޫދާން ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޝަރީއަތް ކުރުމަށްޓަކައި އެކޯޓަށް އޭނާ ޙާޒިރު ކުރުމަށް ކަމަށްބުނެއެވެ. ނަމަވެސް ދެކުނު އެފްރިކާއިންވެސްވަނީ އެފްރިކާގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެގައުމަށް ވަޑައިގަތުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޖޫންމަހު ބަޝީރަށް ދީފައެވެ.

ޖަކާޓާގައި ކުރިޔަށްދާ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓަކީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނާ އަދި އިސްރާއީލުން ގުދްސާއި އަދި މާތްވެގެންވާ މަސްޖިދުލްއަގްސާގެ ހަރަމްފުޅާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތަކާބެހޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ބާއްވާ އިސްތިސްނާއީ ސަމިޓް ބައްދަލުވުމެކެވެ.

މިސަމިޓް ގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް ގިނަ ގައުމުތަކުން ބައިވެރިވެވަޑައިގަންނަވަނީ ޚާރިޖީ ވަޒީރުންނާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުންނާއި އަދި ބޮޑުވަޒީރުން ކަމަށް ޚަބަރުތައް ބުނެއެވެ. މި ސަމިޓް އިންތިޒާމް ކުރަނީ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިންނެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބަޝީރު ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާއިރު އިރާގާއި އަފްޣާނިސްތާނުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުތު ކުރެވިފައިވާ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާއި ފަލަސްތީނުގެ އާންމުން މެރުމުގެ ތުހުމަތު ކުރެވިފައިވާ އިސްރާއީލުގެ ހަރުކަށިވެރިން ހައްޔަރު ކުރުމަށް މިފަދަ އަމުރެއް އެޖަމިއްޔާއިން ނެރެފައެއް ނުވެއެވެ. އަދި ސޫރިޔާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލައާގުޅިގެންވެސް އެއްވެސް ފަރާތެއް ހައްޔަރު ކުރުމުގެ އަމުރު ނެރެފައެއް ނުވެއެވެ. (ރޮއިޓާސް)