އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ތައްޔާރު ކުރި 1000 ގަސްމުށި ހެދުމަށް ކޮށްފައިވާ ހަރަދުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ކަނޑައަޅައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ)ގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމާ އެކު ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ހޯދުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާކް ސަމިޓުގެ ދުވަސްވަރު ހިތަދޫ އަވަށު ބޯޑުގެ ރައީސްގެ ގޮތުގައި ހުރި ފަރާތުގެ އާއިލީ ކުންފުންޏަކާ ކަމަށާއި ނަމަވެސް މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް މަސައްކަތް ހަވާލުކުރުމުގެ ކުރިން އޭސީސީ އިން ހުއްދަ ހޯދާފައި ނުވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައި ވަނީ އެކަމަށް ހުޅުވާލި ފުރުސަތުގައި މައުލޫމާތު ސާފުކުރި ފަރާތްތަކަށް، މަސައްކަތަށް އައި ބަދަލު އެންގުމަކާ ނުލައި އަދި އަލުން އަގުހުށަހެޅުމުގެ ފުރުސަތު ދިނުމަކާ ނުލައި ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން މަސައްކަތުގެ އިންސްޕެކްޝަން ހެދި އިރު ހަވާލުކުރި އަދަދަށް ގަސްމުށި ހަދާފައި ވޭތޯ އާއި އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާފައި ވޭތޯވެސް ބަލާފައި ނުވާކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.

އޭސީސީ އިން ބުނީ އެއިން އެއްވެސް ކަމެއް ޔަގީންނުކޮށް، މަސައްކަތް ކުރި ކުންފުންޏާއި އަދި އިތުރު ކުންފުންޏަކަށް ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އެއް ކުންފުންޏަށް 1،307،020 (އެއް މިލިއަން ތިން ލައްކަ ހަތް ހާސް ވިހި) ރުފިޔާ އަދި އަނެއް ކުންފުންޏަށް 1،148،180 (އެއް މިލިއަން އެއް ލައްކަ ސާޅީސްއަށް ހާސް ސަތޭކަ އަށްޑިހަ) ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

އެހެންކަމުން އެ މައްސަލައިގައި އައްޑޫ މޭޔަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފަ އެވެ.

އޭގެ އިތުރުން، ގަސްމުށިތަކުގެ މަސައްކަތް ނިމިފައި ވަނީ ސާކް ސަމިޓު ނިމުނު ފަހުން ކަން ތަހުގީގަށް ފާހަގަވެފައިވާތީ، މަސައްކަތުގެ ބޭނުން ހިފިފައި ނުވާތީ މަސައްކަތަށް ހަރަދު ކުރި ފައިސާ އަކީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބެލެވޭތީ އެ ގެއްލުމުގެ ބަދަލުގައި މޭޔަރުގެ އަތުން 2،455،210 (ދެ މިލިއަން ހަތަރު ލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ ދިހައެއް) ރުފިޔާ ހޯދުމަށް ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފަ އެވެ.

ސާކް ސަމިޓަށް އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ކުރެހުންތަކެއް ބަހައްޓަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައިވެސް މޭޔަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އޭސީސީ އިން ވަނީ ފޮނުވާފަ އެވެ.

އެ މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 336،000 ރުފިޔާ ހޯދުމަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ އެދިފަ އެވެ.