07 Mar 2016, 09:06
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެންމެން ސިއްސުވައިލީ 'ކުޑަ ފޭރުމެއް' ހިންގައިލަން ވެގެން މީހެއްގެ ކަންފަތުން ބައެއް ހަފައި، ބުރިކޮށް ކަނޑައި ވަކިކޮށްލި ހަބަރުންނެވެ. އެއަށް ފަހު އެފަދަ ދެވަނަ ހަބަރެއް ހޮނިހިރު ދުވަހު ލިބުނެވެ.

މީހެއްގެ ކަންފަތުގައި ދަތް އަޅައި ބައެއް ވަކިކޮށްލިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހާ. ފައިލްފޮޓޯ
އެ ދެ ހާދިސާގައި ވެސް އެ ނުރައްކާތެރި ހަމަލާ ދީފައި ވަނީ ނިސްބަތުން ކުދި ކުދި ބޭނުންތައް ފުއްދުމަށެވެ. ކަންފަތް 'ކައިލުމުގެ' ޖަރީމާ ހިންގީ ފޯނެއް ވަގަށް ނެގުމަށެވެ. އަދި ދެ ވަނަ ހާދިސާގައި މީހެއްގެ އަތާއި ބޮލުގައި ދަތް އެޅީ ވެސް ފައިސާކޮޅެއް އަތުލަން ވެގެން ކަމަށް އަޑުފެތުރުނެވެ.
"މިރާއްޖެ މިނިކާ ރާއްޖެއަކަށް ވަނީބާ؟" ދަތް އެޅި އެއް ހާދިސާގެ ހަބަރަށް ކޮމެންޓް ކުރި ކިއުންތެރިއަކު ލިޔެފައިވެ އެވެ. އަނެކަކު ސުވާލުކޮށްފައި ވަނީ ދަތް އަޅައި ކަންފަތް ބުރިކޮށްލުމުގެ ޖަރީމާ ހިންގި މީހާ އެއީ "އިންސާނެއްތޯ ނުވަތަ ރޮލުންކާ އެއްޗެއްތޯ؟" އެވެ.
ރާއްޖޭގެ ކިއުންތެރިން ކުރި މިފަދަ ސުވާލުތައް މީގެ މަދު އަހަރުތަކެއް ކުރިން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އުފެދުނެވެ. އުފެދުނު އެއް ސުވާލަކީ އެވަރު ނުރައްކާތެރި ވިސްނުމަކަށް މީހުން ގެންދިޔައީ ކޮން ކަމެއްތޯ؟ މިސުވާލެވެ. އެ ސުވާލުގެ ޖަވާބު ބައެއް ހާދިސާތަކާ ގުޅިގެން ބައެއް ގައުމުތަކުގައި ވަނީ ހޯދައިފަ އެވެ.
ބިރުވެރި އެހެން ވާހަކައެއް
އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މިއާމީގައި 2012 ވަނަ އަހަރު ހިނގީ ފަހުގެ ތާރީހެއްގައި ހިނގި މިނިކެއުމުގެ އެންމެ ނުރައްކާތެރި އެއް ހާދިސާ އެވެ. އެ ހާދިސާގައި ރޫޑީ އިއުގިނީ ނަމަކަށް ކިޔާ މީހަކު މިޔާމީގެ މަގެއްގެ މަތީގައި ގެދޮރު ނެތް މީހެއްގެ މޫނު މުޅިން ކާލި އެވެ. ޕޮޕޯ ނަމަކަށް ކިޔާ އެމީހާ ސަލާމަތް ކުރުމަށް، އިއުގިނީ ހުއްޓުވަން ޖެހުނީ އޭނާ މަރާލައިގެންނެވެ. އެމެރިކާ ފުލުހުން އޭނާގެ ބޮލަށް ބަޑިޖަހައި މަރައިލީ އެވެ. ނަމަވެސް އޭރު އޭނާ ވަނީ ޕޮޕޯގެ މޫނުގެ ބޮޑުބައެއް ކާލައިފަ އެވެ.

އިއުގިނީ ނަމަކަށް ކިޔާ މީހަކު މޫނު ކައިލުމުގެ ސަބަބުން ޒަހަމްވި ޕޮޕޯއަށް ފަރުވާ ދިނުމަށް ގެންދަނީ. ފޮޓޯ ޑެއިލީ މެއިލް
އެހާދިސާއާ ގުޅިގެން ކުރި ބައެއް ތަހުގީގުތަކާއި އިއުގިނީގެ އާއިލާއިން މީޑިއާއަށް ހާމަކުރި މައުލޫމާތުތަކުން ބުރަވެވިފައި ވަނީ، އޭނާ "މިނިކާ އެއްޗަކަށް" ބަދަލުވީ ބޭނުންކުރި މަސްތުވާ އެއްޗެއްގެ ސަބަބުން ކަމަށެވެ.
އިންސާނިއްޔަތުކަން ނެތިދިއުމުގެ އަސްލު
"ބާތު ސޯލްޓް" ނުވަތަ " ބްލޫ ސްޓާ"ގެ ނަމަކަށް ކިޔާ އެ ބާވަތަކީ އެލްއެސްޑީއެކެވެ. އެމެރިކާ އާއި ޔޫރަޕްގައި އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި އެބާވަތް މަޝްހޫރުވެފައި ވަނީ "ދަ ނިއު އެލްއެސްޑީ" ގޮތުގަ އެވެ.
އިއުގިނީގެ ޕޯސްޓްމޯޓަމް ހެދީ މިޔާމީގެ ޖެކްސަން މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުން 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބާތު ސޯލްޓާ ގުޅުން ހުރި ހާދިސާތައް ގިނަވެފައިވާ ކަމަށެވެ.
"އަހަރެމެންނަށް ފާހަގަވޭ، ބޮޑެތި މިއުޒިކް ފެސްޓިވަލްތަކާ ގުޅިގެން (ހާދިސާތައް) އިތުރުވާކަމަށް،" ޑެއިލީ މެއިލްއަށް ދެއްވި އިންޓަވިއުއެއްގައި ޖެކްސަން މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ޑރ. ޕައުލް އެޑަމްސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ބާތު ސޯލްޓް ބޭނުންކުރުމުން މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މައްޗަށްދެ އެވެ. އެމީހުންގެ ހެދުންތައް ވީދައި އުކާލަނީ އެހެންވެ އެވެ. އަދި އެއާ އެކު އެމީހުންގެ ގައިބާރު ވެސް އިންތިހާއަށް ގަދަވެ އެވެ.
އިއުގިނީ ޕޮޕޯއަށް ހަމަލާދިން އިރު އޭނާ ހުރީ ހުރިހާ އަންނައުނެއް ބާލައި އުކާލައިގެންނެވެ.
"ބަރުދަނުގައި 150 ޕައުންޑް ހުންނަ މީހުންގެ ގައިގައި 250 ޕައުންޑް ހުރިހެން ހީވާ ވަރަށް ބާރު ގަދަވެފައި އެބަހުރި، އެންމެ ފަރުދަކު ހިފަހައްޓަން ހަ ސެކިއުރިޓީ އޮފިސަރުން ބޭނުންވި،" ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ޑރ. އެޑަމްސް ވިދާޅުވެފައިވެ އެވެ.
ޑރ. އެޑަމްސް ދެކެވަޑައިގަންނަވާ ގޮތުގައި އަލަށް ތައާރަފްވި އެ ޑްރަގަކީ ހަމަ އެކަނި އެ ބޭނުންކުރާ މީހުންނަށް ހުރި ނުރައްކަލެއް ނޫނެވެ. އެއީ އެމީހުންނާ މުއާމަލާތްކުރަން ޖެހޭ މީހުންނަށް ވެސް ހުރި ނުރައްކަލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އިއުގިނީގެ ހާދިސާއަށް ފަހު ބާތު ސޯލްޓްގެ ވާހަކަ މާބޮޑަށް އަޑުނީވި ދިއުމަށް ފަހު އޭގެ ވާހަކަ އަނެއްކާ ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެ ޑްރަގް އިނގިރޭސިވިލާތަށް ތައާރަވި ހަބަރު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެގައުގެ ނޫސްތަކުން ރިޕޯޓްކުރި އެވެ.
ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން އެގައުމުގައި ވަނީ ދަތް އެޅުމުގެ ހާދިސާއެއް ވެސްހިނގައިފަ އެވެ. އިނގިރޭސިވިލާތުގެ ގުލޫސެސްޓާޝަޔާގައި މީހެއްގެ ކަންފަތުގައި ދަތް އެޅި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެލްއެސްޑީ ރާއްޖޭގައި
ބާތު ސޯލްޓް، ބްލޫ ސްޓާ، އަދި ކެނިބަލް ޑްރަގް ފަދަ ނަންތައް ދިވެހިންނަށް އާވެދާނެ އެވެ. ނަމަވެސް އެލްއެސްޑީއަކީ އާއްމުކޮށް އިވޭ ނަމެކެވެ. ރާއްޖެއަށް އެލްއެސްޑީ ގިނައިން އެތެރެވެފައިވާކަން ފަހަކަށް އައިސް ދަނީ ހާމަވަމުންނެވެ. ވ. އަތޮޅުގައި އޮންނަ އަންބަރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ޕާޓީކުރަމުން ދިޔަ ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރި އިރު އެމީހުން އަތުން ފެނުނު ތަކެތީގެ ތެރޭގައި ގިނައީ އެލްއެސްޑީކަން ފުލުހުން އޭރު ހާމަކުރި އެވެ. މީގެ ދެ އަހަރު ކުރިން 2014 ވަނަ އަހަރު ހިނގި އެ ހާދިސާއަކީ ރާއްޖޭން އެލްއެސްޑީ ފެނުނު ފުރަތަމަ ހާދިސާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ރާއްޖެ އިން ފެނުނު ބައެއް އެލްއެސްޑީ. ފައިލް ފޮޓޯ
އެލްއެސްޑީގެ ވާހަކަ ރާއްޖޭގައި އެއަށް ވުރެ މާކުރިން ވަނީ ފެންމަތިވެފަ އެވެ. ބޭނުންކުރާ މީހުން މަރުވާ ފަދަ، " ފޭކް އެލްއެސްޑީ"ތަކެއް ރާއްޖޭގައި ދައުރުވަމުންދާ ކަމަށް 2013 ވަނަ އަހަރު ފުލުހުން ބުންޏެވެ. ފުލުހުން އޭރު ބުނީ އެތަކެތި ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ހޯދައި ނައްތައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުފެދޭ ސުވާލުތަކެއް
ދަތް އެޅުމުގެ ހާދިސާތަކާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދެނީ މިފަދަ ސަބަބުތަކާ ހެދި އެވެ. އުފެދޭ ސުވާލުތައް ބައިވަރެވެ. އޭރު އެ ދައުރުވި، ފޭކް އެލްއެސްޑީ އަކީ އަނެއްކާ ބާތު ސޯލްޓް ނޫން ބާވަ އެވެ؟ އޭރުއްސުރެ ރާއްޖޭގައި ބަޔަކު އެ ބޭނުން ކުރަމުން އައީ ނޫން ބާވަ އެވެ؟ އެކަމުގެ ސަބަބުން މިފަދަ ހިސާބަކަށް އިންސާނިއްޔަތުކަން ކެނޑި ދިޔައީ ނޫން ބާވަ އެވެ؟ އެކަން އެހެން ވަމުން އަންނަ ނަމަ، އެހިސާބަށް ގޮސްފައި ވާނީ ކިތައް މީހުން ބާވަ އެވެ؟
ދަތް އެޅި ދެހާދިސާއަކީ ޑްރަގާ ގުޅުން ހުރި ކަމެކޭ، ބުނާނެ ޖާގައެއް އަދި ނެތެވެ. އެ ހާދިސާތަކުގެ ތަހުގީގު ވެސް އަދި އެވަނީ ނުނިމި އެވެ. ނަމެވެސް އެއީ ރާއްޖޭގައި އަށަގެންފައިވާ މަސްތުވާތަކެތީގެ ވަބާގެ ތެރެއިން އުފެދިގެން އަންނަ އެހެން ބޮޑު ނުރައްކަލެއްގެ ސިގްނަލަކަށް ވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.