ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ނާއިފް ބިން އަބްދުލައަޒީޒަށް، ފަރަންސޭސި ވިލާތުން ދޭ އެންމެ މަތީ އިއްޒަތް ކަމުގައިވާ "ލީޜަން ދޮނަރ"ގެ އިއްޒަތް އަރުވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ވަލީޢަހުދު މުހައްމަދު ބިން ނާއިފްއަށް މި އިއްޒަތް އަރުއްވާފައި ވަނީ ފްރާންސްގެ ރައީސް ފްރަންސުއާ އޮލޯންދް އެވެ. ނަމަވެސް މިކަން ހިނގާފައި ވަނީ މީޑިޔާއަށް ސިއްރުން ބޭއްވި ހަފްލާއެއްގައި ކަމަށް ބެލެވެ އެވެ.

ސަބަބަކީ، ފްރާންސްގެ ރައީސްގެ އޮފީހުން މިކަމާ ގުޅިގެން ރަސްމީ އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވުމެވެ. އެހެން ނަމަވެސް މީޑިޔާއިން އެ އޮފީހަށް ސުވާލު ކުރުމުން، ސައުދީގެ ވަލީއަހުދަށް އިއްޒަތް އެރުވިކަން އެ އޮފީހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ސައުދީ އަރަބިއްޔާގެ މީޑިޔާއިން މި ހަރަކާތް ކަވަރު ކޮށްފައިވާ އިރު، ސައުދީގެ ހަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުގައި، ވަލީއަހުދު ނާއިފްއަށް "ލީޜަން ދޮނާ"ގެ އިއްޒަތް ފްރާންސްގެ ސަރުކާރުން އެރުވީ، ޓެރަރިޒަމާއި ހަރުކަށި ޚިޔާލާއި ހައްދުފަހަނަ އަޅައި ދިޔުމާއި ދެކޮޅަށް ވަލީއަހުދު ކުރައްވަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެހެން ނަމަވެސް ފްރާންސްގެ ރައީސްގެ އަރިސް ބޭފުޅަކާއި ހަވާލައިދީ އޭއެފްޕީ އިން ބުނާ ގޮތުގައި، ސައުދީގެ ވަލީޢަހުދަށް އެ އިއްޒަތް އެރުވިގެން ދިޔައީ، ސައުދީއަށް މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގައި ރައީސް ހޮލޯންދްއަށް ވެސް އިއްޒަތެއް އަރުވާފައި ވުމުން، އޭގެ ބަދަލުގައި އަމަލުކުރާ އާންމު ޕްރޮޓޮކޯލެއްގެ ދަށުން ކަމަށެވެ.

މަސްދަރު:ފްރާންސް 24