07 Mar 2016, 08:54
މިއަހަރަކީ އެޕަލްގެ އިލެކްޓްރޯނިކްސްއަށް ލޯބިޖެހިފައިވާ ފަރާތްތަކަށް އުފާވެރި އަހަރަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ. އެޕަލް ކުންފުނިން މި ވަނީ، އެކުންފުނީގެ ތަފާތު ތިން ފޯނެއް މިއަހަރު ބާޒާރަށް ނެރޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އޭގެ ތެރެއިން މިއަހަރު އެންމެ ފުރަތަމަ ބާޒާރަށް ނެރެވޭނެ ކަމަށް ބެލެވެނީ، އާދައިގެ އައިފޯނަކަށް ވުރެ ސައިޒުން ކުޑަ، އައިފޯން އެސްއީ އެވެ. އައިފޯން 5 އެސްއީގެ ނަން ދެވިގެން ނެރޭނެ ކަމަށް ކުރިން ބެލެވުނު މި ފޯނު ބާޒާރަށް ތައާރަފު ކުރުމަށް ހަމަޖެހިފައި ވަނީ މިހިނގާ މާރިޗު މަހުގެ 15 ވަނަ ދުވަހު އެވެ. އައިފޯން އެސްއީއާއި އެކު، 9.7 އިންޗީގެ ޑިސްޕްލޭއެއް ހުންނަ އެޕަލް އައިޕެޑް ޕްރޯއާއި، އެޕަލް ވޮޗްގެ އާ އުފެއްދުންތައް ވެސް ތައާރަފު ކުރެވޭނެ އެވެ.
އައިފޯން 7 އާއި އައިފޯން 7 ޕްލަސްއަކީ، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދެ ފޯނެވެ. މި ފޯނުތަކުގެ ތެރެއިން، ކޮންމެވެސް އެއް ފޯނަކީ ޑުއަލް ކެމެރާ ލެވިފައިވާ ފޯނެކެވެ. ބޮޑަށް ބެލެވެނީ، ޑުއަލް ކެމެރާ ފޯނަކީ އައިފޯން 7 ޕްލަސް ކަމަށެވެ. ނަމަވެސް ކަށަވަރެއް ނޫނެވެ. ޑުއަލް ކެމެރާ ޓެކްނޮލޮޖީ ފޯނުގައި ހުރުމުން، ފޯނުން ނަގާ ފޮޓޯ ވަރަށް ކޮލިޓީ ވާނެ އެވެ. އެގޮތުން، އެއް ކެމެރާއިން މަންޒަރު ކެޕްޗާ ކުރާ އިރު އަނެއް ކެމެރާއިން ކުރާ މަސައްކަތަކީ ފޯކަސް ކޮށް، މަންޒަރު ރީތިކޮށްދިނުމެވެ.
މީގެ އިތުރުން އައިފޯން 7 އާއި 7 ޕްލަސްގައި، ސެލްފް ހީލިންގ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ބެލެވެ އެވެ. ސެލްފް ހީލިންގ ޓެކްނޮލޮޖީއަކީ، ފޯނަށް ދިމާވާ ކުދިކުދި މައްސަލަތައް ފޯނުން އަމިއްލައަށް ހައްލު ކުރުމެވެ. މިސާލަކަށް ފޯނު ތެރެއަށް ފެން އެޅިއްޖެ ނަމަ، ނުވަތަ ހަލާކުވާ ޕިކްސެލްސްގެ މައްސަލަ، ސެލްފް ޑައިގްނޯޒް މޯޑަށް ލުމުން ހައްލު ވެ އެވެ.
އަދި ހަމަ އެއާއި އެކު، ޖެކެއް ފޯނަށް ޖަހައިގެން ހެޑްފޯނު ގުޅުމުގެ ބަދަލުގައި، ވަޔަލެސް ޓެކްނޮލޮޖީ ބޭނުންކުރާ ހެޑްފޯނު އައިފޯން 7އާއި އެކު ތައާރަފު ކުރާނެ ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މަސްދަރު: ވެލިއުވޯކް، ދަ ނިއުސް އިންޑިޕެންޑެންޓް