26 Apr 2011, 00:21
ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަ ތަކުގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފެކްޝަންގެ ރަސްމީ ޖަގަހައިގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގެ ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ބޭނުންފުޅުވާ ސިޔާސަތެއް މިހާރު ގައުމުގައި ހިންގަމުން ގެންދަވާ ކަމަށެވެ.
ޑީއާރްޕީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބުދުގައްޔޫމުގެ ފެކްޝަނަށް އިޝާރާތް ކުރައްވައި، އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ މަސްލަހަތު ގޯސްކޮށް ސަރުކާރުން ކުރަމުންގެންދާ ނޭދެވޭ ކަންތައްތަކާ ދިމާލުން މީހުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރައިލުމަކީ މައުމޫން ފެކްޝަންގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރު ހައްދަވާފައިވާ ޑީލެއް ކަމަށެވެ. އަލީ ވަހީދު މައުމޫން ފެކްޝަން ސިފަ ކުރެއްވީ "ޒިންބާބުވޭ ފެކްޝަން"ގެ ގޮތުގަ އެވެ.
މައުމޫނު ފެކްޝަނާ ގުޅިގެން ޕީއޭގެ ރައީސް އަބުދުﷲ ޔާމީން ބާއްވަމުން ގެންދާ ޖަލްސާތަކަށް އިޝާރާތް ކުރައްވައި، އަލީ ވަހީދު ވިދާޅުވީ، ގައުމުގެ މުސްތަގުބަލު އޮތީ ޑީއާރްޕީގެ ލޯގޯގައި ކަމަށާއި އިދިކޮޅު ހަރަކާތް ނައްތާލުމަށްފަހު ވަކި މީހަކު ވެރިކަމަށް އަންނަން ޑީއާރްޕީގެ ލޯގޯ ބޭނުން ކޮށްގެން މަސައްކަތް ކުރުމަށްދާ ކަމަށެވެ.
"ޒައީމް ޑީއާރްޕީ ހަދައިގެން ވަކި މީހެއްގެ ގައިގައި އެލިގަނެގެން ނޫނީ ޖަލްސާއެއް ބޭއްވޭ ކަމަކަށް ނުވޭ. ވަކި މީހެއްގެ ފަހަތުގައި އެމީހުން އުޅެމުން އެ ދަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާ ކާމިޔާބު ނުކުރެވިދާނެތީ. އަޅުގަނޑުމެންގެ އެ ފިކުރެއްނެތް،" އަލީ ވަޙީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ޕާޓީގެ ކައުންސިލް މެޖޯރިޓީ ހޯދުމަށް މައުމޫނު ފެކްޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް 2014ގެ ކުރިން އެ ފަރާތަށް މެޖޯރިޓީދިޔަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ދިމާވި ބޮޑެތި ކަންތައްތަކުގައި ލީޑާޝިޕް ދައްކާފައި ވަނީ ތަސްމީން އަލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިގެން، ރާއްޖޭގެ ހާލަތު ޒީރޯއަށް ގޮސްފައި ވަނިކޮށް މަޖިލީހުގައި ލީޑާޝިޕް ދެއްކެވީ ތަސްމީން. ކައުންސިލް އިންތިހާބުގައި އަތްވާއި ވާރޭގައި އެތައް ރަށަކަށް ދަތުރު ކުރެއްވި. ނަމަވެސް އެމީހުން (މައުމޫނު) އަށް 10 ރަށަށް ވެސް ނުދެވުނު. އަދި އެމީހުން ދިޔައީ އެންމެ ތާއީދު ބޮޑެތި ރަށްރަށް ބަލައިގެން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންތިހާބު ތަކުގައި ޒައީމް ދައްކާ މީހަކަށް ކޮންމެހެން ވޯޓުލާން ނުޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކީ ވެސް ތަސައްރަފް ފުދިފައިވާ މީހެއް ކަމަށާއި، އިންތިހާބު ތަކުގައި ކޮންމެ މީހަކު ވޯޓުދޭނީ ޑީއާރްޕީގެ ލޯގޯއަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނޭ 30 އަހަރުގެ ވެރިކަން ރޫރޫ އަޅާލީރު ޓީވީ ކުރިމައްޗަށް ނިކުތީ. ދެން ކޮން ވާހަކައެއް ދައްކަންތޯ. މުހިއްމު ވާނީ މީހެއް ނޫން، ޕާޓީ. އެ ފެކްޝަނުގެ ޖަލްސާ އަދި ހަތަރުފަޅިއަށް ފަޅިވާނެ،" އަލީ ވަޙީދު ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރްޕީގެ އަނެއް ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވެސް ޕާޓީގެ ޒައީމު މައުމޫނު ފެކްޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ތައުލީމީ ގާބިލް ވިސްނުން ތޫނު ޒުވާނުން ތިއްބެވީ ތަސްމީން އަލީގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ވާތުފިޔައިގެ ބައިގަނޑުގައި ހިމެނެނީ، ތަޅާ ފޮޅައި، ހަމަނުޖެހުން އުފައްދާ ބައެއް ކަމަށާއި، އެއްވެސް ސިޔާސަތެއް ނެތް ގައުމުގެ މުސްތަގުބަލް ބައްޓަންކުރަން އެނގޭނެ ބައެއްނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްޑީޕީ ވެރިކަމަށް އަންނަން އުޅުނު އިރު ދައްކާފަދަ ވާހަކަ ދައްކަނީ. ޑީއާރްޕީ ކިޔާ ވާތުފިއައެއް ހަދައިގެން މިއުޅެނީ. ޑީއާރްޕީގެ އަގު ވައްޓައިލާ ޓިކެޓްގެ އަގު ވައްޓާލައި ޕާޓީއަށް ވެރިކަން ލިބުނަ ނުދިނުމަށް ޕާޓީގެ ނަމުގައި ވާތުފިޔައިގެ ބަޔަކު ހިންގާ ބޮޑު ޖަރީމާއެއް އެއީ،" ޝަރީފް ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ޕާޓީގެ ނާއިބު ރައީސް އަބުދުލް މަތީނު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްރައިވެޓައިޒްގެ ނަމުގައި ސަރުކާރުން ހިންގާ ކަންތައްތަކަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ހިންގާ ކަންތައްތަކެއްނޫން ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ދީފައިވަނީ ރައްޔިތުންނަށް ފައިދާ ނެތް ގޮތަށް، ރާއްޖެއަށް ވޯރާވިޔަފާރިވެރިން ގެންނަ އުސޫލުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދައުލަތުގެ ހަޒާނާގެ ތަޅުދަނޑިތައް ވަނީ ވަގުންގެ އަތްމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.