06 Mar 2016, 23:53
ޕީޕީއެމުން ސަރުކާރާ ހަވާލުވިއިރު، ކައުންސިލްތަކުގެ އެކައުންޓުތައް ހުރީ ފްރީޒުކޮށްފައި ކަމަށާއި އެ އެކައުންޓުތަކުގައި ހުރި ފައިސާ ވެސް ބޭނުންކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ލާމަރުކަޒީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ކައުންސިލްތަކުގެ އެކައުންޓުތަކުގައި 165 މިލިއަން ރުފިޔާ ހުރި ކަމަަށާއި އެ ފައިސާތައް ކުރީގެ ސަރުކާރުތަކުން ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ފައިސާތައް އަނބުރާ ކައުންސިލްތަކަށް ދިނުމަށް ނިންމައި، މިއަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމަނާފައިވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، އެކައުންޓުތަކުގެ ފައިސާ ހުރީ ކޮންމެ ވެސް ގޮތަކަށް ބޭނުންކޮށްފައި. އަޅުގަނޑު އެ ސަރުކާރެއްގެ ވާހަކައެއް ނުދަންނަވާނަން. ގާތްގަނޑަކަށް 165 މިލިއަނެއްހާ ރުފިޔާ ވަރު އެކައުންޓުތަކުގައި ހުރި. ނަމަވެސް ސަރުކާރާ ހަވާލުވުމަށްފަހު މިހާރު ވާނީ ވަރަށް ބޮޑު އަދަދެއް އެކައުންޓުތަކަށް ޖަމާކޮށްފައި،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކުގެ އެކައުންޓުތަކުން ހިފެހެއްޓި ފައިސާގެ ތެރެއިން 2013 ވަނަ އަހަރުގެ ހަ މަސް ދުވަހުގެ ފައިސާ އާއި 2014 ވަނަ އަހަރުގެ ފައިސާގެ ގޮތުގައި 21 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދިނުމަށް ބަޖެޓްކޮށްފައިވާ ކަމަށެވެ.
ކައުންސިލަރުން ބައިވެރިވިވެވަޑައިގެންނެވި ބައްދަލުވުމުގައި ޖިހާދު އެދިވަޑައިގެންނެވީ ކައުންސިލްތަކުން ޓްރަސްޓް އެކައުންޓުތައް ހެދުމަށެވެ. ބަޖެޓް އެކައުންޓާއި ޓްރަސްޓް އެކައުންޓު ތަފާތު ކުރުމުން ސަރުކާރުން ކައުންސިލްތަކަށް ދޫކުރަންޖެހޭ ފައިސާތައް ދޫކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށިތާ ފަސް އަހަރު ފާހަގަ ކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ފޮނި މޭވާ އެންމެ އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާ ކަމަށެވެ. ނަމަވެސް ކައުންސިލްތަކުގެ ތެރެއިން 90 ޕަސެންޓް ކައުންސިލްތަކަކީ ވަރަށް މުރާލިކަމާއެކު މަސައްކަތް ކުރަމުންދާ ކައުންސިލްތައް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މި ސަރުކާރު އައިއިރު، ދައުލަތުގެ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު އޮންނަންޖެހޭ ގުޅުމެއް ނެތް ކަމަށާއި އެލްޖީއޭގެ މަސައްކަތުން ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތަކާ ދެމެދު އިތުބާރާ ދެމެހެއްޓިފައިވާ ކަމަށެވެ. އުމަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސިޔާސީ ފިކުރުން އެއްކިބާވުމަށްފަހު، ރައްޔިތުންގެ ހިދުމަތް ކުރުމުގެ ވިސްނުމުގައި ކައުންސިލްތަކުން މަސައްކަތް ކުރުމަށް އުމަރު އެދިވަޑައިގެންނެވި އެވެ.