ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވިލިމާލޭގައި ހިންގަމުން އަންނަ ޖުޑިޝަލް ޓްރެއިނިން ސެންޓަރު މި މަހު އަށް ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ސެންޓަރު އުވާލަން ނިންމީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން ޖުޑިޝަލް އެކަޑަމީއެއް ގާއިމްކުރަން ނިންމާފައި ވާތީ ކަމަށެވެ.

އެ އިއުލާނުގައި ބުނީ ޓްރެއިނިން ސެންޓަރު އުވާލަން ނިންމީ، މީގެ ކުރިން ހިންގަމުން އައި ތަމްރީނު ޕްރޮގްރާމްތައް ދެން ހިންގާނީ ޖުޑިޝަލް އެކަޑަމީން ކަމަށް ކަނޑައަޅާފައިވާތީ ކަމަށެވެ. އެހެންކަމުން ޖުޑިޝަލް އެކަޑަމީ އުވާލުމާ އެކު އެ ސެންޓަރުގެ ހަ މަގާމެއް އުވޭނެ ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ. އެއީ އެސިސްޓެންޓް ޑިރެކްޓަރުންގެ ދެ މަގާމާއި އިދާރީ ހަތަރު މަގާމެކެވެ.

ޖުޑިޝަލް އެކަޑަމީއެއް ސުޕްރީމް ކޯޓުން އުފެއްދީ މިދިޔަ އަހަރުގަ އެވެ. އެ އެކަޑަމީގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.