ހިޓާޗީ އެއާކޯނަށް ހާއްސަ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ފަށައިފި އެވެ.

"ހިޓާޗީ އޭސީ ބޮޑުސޭލް"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަން މިއަދުން ފެށިގެން އޭޕްރީލް ގެ ނިޔަލަށް މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެ ކުންފުނިން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފިހާރަތަކުގައި ކުރިއަށް ގެންދާނެ އެވެ.

ޕްރޮމޯޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ހޯމް އިމްޕްރޫވްމަންޓް އިން ގަންނަ ކޮންމެ އޭސީއަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މާލެއިން ގަންނަ ކޮންމެ އޭސީތަކުން ކޮންމެ ހަފްތާއަކު ލަކީޑްރޯއެއް ނަގާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހަފްތާއަކު އެއްފަހަރު ހޮވާ ނަސީބުވެރިޔާ އަށް ވަރަށް އަގުހުރި ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތެރޭގެ ފިހާރަތަކުން ޕްރޮމޯޝަން ނިންމުމަށްފަހު ގްރޭންޑް ޕްރައިޒެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން ވިއްކާ އޭސީތަކުގެ ތެރޭގައި 9000 އާއި 12000 އާއި 18000 އަދި 24000 ބީޓީޔޫގެ އޭސީ ހިމެނެ އެވެ.

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެސްޓީއޯ އިން ވަރަށް ހާއްސަ ރޯޑް ޝޯތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ރޯޑްޝޯގައި ފޮޓޯ ނަގައި ފޭސްބުކްގައި ޝެއާކޮށްގެން އޭސީއެއް ހޯދުމުގެ ފުރުސަތު ލިބެނެ އެވެ.