06 Mar 2016, 18:59
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމް، 1982ގައި އުފެއްދި ފަހުން އެ އެސޯސިއޭޝަނުން ނިންމާ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅުތަކަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާާގެ ބާރުއެޅުމާއެކު އެފްއޭއެމްގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އަތޮޅުތަކަށް ލިބިދޭ ގޮތަށް ސެޕްޓެމްބަރު 5، 2015ގައި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރެވުނެވެ. އެގޮތުން އެ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގައި އެސޯސިއޭޝަންގެ މެމްބަރުންގެ އަދަދު ހަމަވާނީ، ރާއްޖޭގެ ނުވަ ޒޯނެއްގެ ބައިވެރިވުމާއެކުގައި ކަމަށް ހިމެނުނެވެ. އެހެން ނަމަވެސް މިއަދު އަނެއްކާވެސް އެ އިސްލާހު މިވަނީ ގަވާއިދުން އުނިކޮށްފައެވެ.
އެފްއޭއެމްގެ ކަންކަމުގައި ބަސް ކިޔުމުގެ ފުރުސަތު އަތޮޅު ތެރެއަށް ލިބިދޭ ގޮތަށް އިސްލާހުކޮށްފައިވަނިކޮށް އެ ޖަމިއްޔާގެ އަސާސީ ގަވާއިދަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިސްލާހެއް ހުށަހެޅިއެވެ. އަދި ރާއްޖޭގެ ނުވަ ޒޯނަށް އެފްއޭއެމްގެ ނިންމުންތަކުގައި ވޯޓު ދިނުމުގެ ބާރު ލިބިދީފައިވާ މާއްދާ މިއަދު ދަރުބާރުގޭގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްއިން ވަނީ ބާތިލުކޮށްފައެވެ.
މީގެ 37 އަހަރު ކުރިން ފެށިގެން ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ނިއުއިން، އެފްއޭއެމްގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހު މިއަދު ފާސްވުމުން، އަތޮޅުތެރޭގެ ނުވަ ޒޯނަށް އަނެއްކާ ވެސް އެފްއޭއެމްގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ގެއްލުނީ އެވެ. އެގޮތުން އެފްއޭއެމްގެ ރައީސަކު ހޮވުމާއި އެފްއޭއެމަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ފުރުސަތު އަތޮޅުތެރެއަށް ގެއްލިގެން ދިޔައީ އެވެ.
ރާއްޖޭގެ ނުވަ ޒޯނުން އެފްއޭއެމްގެ ނިންމުންތަކުގައި ވޯޓު ދިނުމުގެ ބާރު ލިބިދީފައިވާ މާއްދާ މިއަދު ބޭއްވި ކޮންގްރެސްއިން ބާތިލް ކުރީ ކޮންގްރެސްގައި ބައިވެރި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮންގްރެސްގައި އެ އިސްލާހަށް ލިބުނު ވޯޓުގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހިމެނޭ ބައެއް މާއްދާތައް ފާސް ކުރުމަށް މިއަދު ދަރުބާރުގޭގެ ބޭއްވިއެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކުވެސް ބައިވެރިވެ ވަޑައިގަތެވެ. އެގޮތުން ކްލަބް އީގަލްސްގެ ވައިސް ޗެއާމަންގެ ހައިސިއްޔަތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ބައިވެރިވެވަޑައިގެންނެވި އިރު، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ ހައިސިއްޔަތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދު އެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތެވެ.
ނިއުއިން ހުށަހެޅި އެ އިސްލާހު ފާސްވެފައި ވަނީ، ކޮންގްރެސްގައި ވޯޓުދިން މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމަކު ކޮންގްރެސްގައި އެ އިސްލާހަށް ލިބުނު ވޯޓުގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދިން ކްލަބުތަކުގެ ތެރޭގައި މާޒިޔާ އާއި ވެލެންސިއާ ހިމެނެ އެވެ.