ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ތިން ދައުވާ، އަދި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް ހަތަރު ދައުވާ އެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް މިއަދު ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ.

މުހުތާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްޚަ ނޫން ގޮތުގައި ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޚަ ނޫންގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ހުއްދަ ނޫންގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޚަ ނޫންގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

ދައުލަތުން ހައިކޯޓުގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މުހުތާޒު ލޯންޗެއްގައި މަމިގިއްޔަށް ގޮސްފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.