06 Mar 2016, 17:02
މާލެ-ހުޅުމާލެ ބްރިޖުގެ މަސައްކަތަށް 8500 ޓަނުގެ ތަކެތި ގެނެސްފި އެވެ.
ކަސްޓަމްސް އިން ސަން އަށް މައުލޫމާތު ދިން ގޮތުގައި ބްރިޖުގެ މަޝްރޫއަށް ހާއްސަކޮށްގެން ތަކެތި ހިފައިގެން ޗައިނާއިން ރާއްޖެ އައި ބޯޓަކުން މިއަދު ވަނީ ކޮންނަން ބޭނުންކުރާ ސާމާނާއި ލޯޑަރުގެ އިތުރުން އެކްސްކަވޭޓަރާއި "ޑަމްޕް ޓުރެކް" ތަކާއި ވެލްޑިން މެޝިނާއި ކޮންކުރިޓް ގަށާ މެޝިންތަކެއް ގެނެސްފައެވެ.

ބްރިޖު ހެދުމަށް ގެނެސްފައިހުރި ތަކެތި-- ފޮޓޯ: ކަސްޓަމްސް
އެތަކެތި މާލެއަށް ބޭލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބްރިޖުގެ މަޝްރޫއަށް މިހާތަނަށް ރާއްޖެ ނުގެންނަފަދަ ބޮޑު ޝިޕްމެންޓެއް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރޭގައި ބުރިޖު އެޅުމަށް ބޭނުންވާ ކަނޑުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ.

ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބްރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.