ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް ރާއްޖެ ޓީވީއަށް ނުވަދެވޭނެ ކަމަށް އެ ކޯޓުން އަންގާފައިވާ ކަަމަށް އެ ޓީވީ އިން ބުނެފި އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ޝަރީއަތުގެ އަޑުއެހުންތަކަށް "ހަވީރާ"އި "އަވަސް"ގެ އިތުރުން "ވީނިއުސް"ގެ ނޫސްވެރިން ނުވެއްދުމަށެވެ.

ނަމަވެސް މިއަދު ރާއްޖެ ޓީވީގެ ނޫސްވެރިޔަކު ޝަރީއަތަކަށް ވަންނަން ނަން ނޯޓު ކުރުމުން، ރާއްޖެ ޓީވީގެ "ނޫސްވެރިޔަކަށް ވެސް އަދި ރާއްޖެޓީވީ ސާފުކުރާ މުވައްޒަފަކަށް ވެސް" ޝަރީއަތަށް ނުވަދެވޭނެ ކަމަށް ކޯޓު އޮފިސަރު ބުނެފައިވާ ކަމަށް އެ ޓީވީ އިން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ކޯޓުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވުނު ނަމަވެސް، ކޯޓު މީޑިއާ އޮފިޝަލް ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން ކޯޓުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިއަދު ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ޝަރީއަތަށް ނުވަދެވޭނެ ކަމަށް ބުނި އިރު، އެ ޓީވީ ހިންގި އިމާރާތުގައި ރޯކޮށްލި މައްސަލައިގެ ޝަރީއަތް އޮތީ ތާވަލު ކޮށްފަ އެވެ.

ހަތަރު މީޑިއާއަކަށް ކޯޓުގެ ޝަރީއަތްތަކަށް ނުވަދެވޭ އިރު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ އެއީ ޝަރުއީ ކޯޓުތަކުގެ ހަބަރުތައް ކަވަރު ކުރާ ނޫސްވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ބިރެއް ކަމަށާއި އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމުގައި ދެކޭ ކަމަށް ބުނެފަ އެވެ.