ގަޑިނުޖެހި އޮފީހަށް ދިއުމަށް ޓެކްސީ ސެންޓަރަކަށް ގުޅައިފީމެވެ. ތިން ހަތަރު ސެންޓަރަށް ގުޅުމުން ވެސް ޓެކްސީއެއް ލިބޭ ގޮތެއް ނުވި އެވެ. ދެން ނުކުތީ މަގު މައްޗަށެވެ. މަގުމައްޗަށް ނުކުތް އިރު ފެހި ކުލައިގެ ބޯޑު ދިއްލައިގެން އަންނަ ތިން ޓެކްސީ ފެނުނެވެ. އަވަހަށް އަތް ނަގައިފީމެވެ.

ފެހި ކުލައިގެން ބޯޑު ދިއްލައިގެން މި ދުއްވަނީ އަދި ހުސް ޓެކްސީއެއް ނޫންކަން އެނގުނީ ޓެކްސީ އައިސް އަރާ ހަމަވީމަ އެވެ. ފެހި ބޯޑު ދިއްލައިގެން އެވަގުތު ދުއްވާފައި ދިޔަ ތިން ޓެކްސީގެ ހާލަކީ ވެސް ހަމަ އެއީ އެވެ. ފެހި ބޯޑާ ރަތް ބޯޑު ދިއްލާ އުސޫލު މުޅިން އޮޅުންބޮޅުން އެރި އެވެ. ފެހި ކުލައިން ރަމްޒުކޮށްދެނީ ޓެކްސީ ދަނީ ހުސްކޮށް ކަމެވެ. ރަތް ކުލައިން ރަމްޒުކޮށްދެނީ ޓެކްސީ ދަތުރު ކުރަމުން ދަނީ ބަޔަކު ގޮވައިގެން ކަމެވެ.

ޓެކްސީ ހުސްތޯ ނުވަތަ ދަތުރެއްގައިތޯ އަންގައިދޭ ބޯޑު -- ފައިލް ފޮޓޯ

ދެން މި ވަނީ ކިހިނެތް ހެއްޔެވެ؟ ފަހަރުގައި އެކަކު ގޮވައިގެން ދާއިރު އިތުރު ދަތުރެއް ހޯދުމުގެ ނިޔަތުގައި މިގޮތަށް ކަންތައް ކުރުން އެކަށީގެންވެ އެވެ. ކާން ބޯން ކުރާ މަސައްކަތަށްވީ އިރު އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަށް ކޮންމެ މީހަކުވެސް ވިސްނާނެތާ އެވެ.

ނަމަވެސް ޓެކްސީ ފުރެންދެން މީހުން ގޮވައިގެން ދާއިރު ވެސް ފެހި ކުލައިގެ ބޯޑު ދިއްލާފައި ހުންނަ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއީ މައްސަލައެކެވެ.

"އަސްލު އުނދަގުލީ ކޮންމެ ފަހަރަކު މީހަކު އަރާ އިރަށް ނޫނީ ފައިބާ އިރަށް ބޯޑު ބަދަލު ކުރަން. އަވަސް އަވަހަށް ދަތުރުތައް ނަގަމުން ދާއިރު ނުހުރޭ ހަނދާނެއް،" ރަތް ބޯޑު ޖަހައިގެން ދުއްވާފައި ދިޔަ ހުސް ޓެކްސީއެއްގެ ޑްރައިވަރުގެ ވާހަކަ ހުރީ މިހެންނެވެ.

ރަތް ބޯޑު ދިއްލައިގެން ހުސްކޮށް ދާ ޓެކްސީގެ މައްސަލައެއް ނެތެވެ. އެ ޑްރައިވަރު އެ ދަނީ ގުޅައިގެން ވަކި މަންޒިލަކަށް ކަމަށް ވެދާނެ އެވެ. އެހެންކަމަށްވާ ނަމަ މީހަކު ނެތަސް އެއީ ފުލްވެފައިވާ ޓެކްސީ އެކެވެ. ރީތި ގޮތަކީ ވެސް އެއީ އެވެ.

މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފަސިންޖަރުންތަކެއް ޓެކްސީއެއްގެ ހިދުމަތް ހޯދަނީ -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ޓެކްސީ ދުއްވުމާ ބެހޭ އައު ގަވާއިދުގެ ދަށުން 2014 ވަނަ އަހަރު ޓެކްސީތަކުގައި ދިއްލޭ ބޯޑު ހަރުކޮށްގެން ދަތުރު ކުރާގޮތަށް ބަދަލުކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އެކަމުގެ ސަބަބުން ޓެކްސީ ހޯދާ މީހުންނަށް އެ ޓެކްސީ އުޅެނީ ދަތުރެއްގައިތޯ ނޫނީ ނޫންތޯ އެނގި ޓެކްސީ ހޯދުމުގައި ފަސޭހަ ކުރުމެވެ. އެކަމަކު މިހާރު މި ބޯޑުގެ މައްސަލަ ވެސް މިވަނީ އުނދަގުލަކަށް ވެފަ އެވެ.

"ވަރަށް އުނދަގޫވޭ. ބައެއް ފަހަރު ގުޅައިގެން ސެންޓަރާ ވާހަކަ ދައްކަން ހުރެފައި ވެސް އެބަ ފޯނު ކަނޑާލަން ފެހި ކުލައިގެ ބޯޑު ހުރި ކާރެއް ފެނުނީމަ. އަވަސް ކޮށްލަން އެއީ. އެކަމަކު ގިނަ ފަހަރަށް ލަނޑު ލިބެނީ. ކާރުގަ މީހަކު އިންނާނެ،" އެކުގައި ޓެކްސީއަކަށް އެރުނު އަންހެނަކު ބުންޏެވެ.

އެއީވެސް އަދި އަނެއް މައްސަލަ އެވެ. ޓެކްސީއަކަށް އަރަނީ ގަޑި ނުޖެހި އަވަހަށް ތަނަކަށް ދާން ބޭނުންވާތީ އެވެ. ނަމަވެސް ބައެއް ފަހަރު ކަންތައް ދިމާވާގޮތުން، ޓެކްސީއަށް އެރުނު މޮޔަ ހީވެ އެވެ. ޓެކްސީގައި އެހެން މީހަކު އިންދާ އިތުރު ބަޔަކު ޓެކްސީއަށް އެރުވުމުން ކުރިން އެރި މީހާގެ ދަތުރު ވެސް ދިގުވެ އެވެ.

ދެ ތަނަކަށް ދާ ދެމީހުން ގޮވައިގެންދާ ނަމަ، ދަތުރު ކުރާނެ ގޮތް ގިނަ ފަހަރު ނިންމަނީ ޑްރައިވަރެވެ. ފަސޭހަ މަގުން ދަތުރު ނިންމާލުމަށެވެ. ކުރިން އެރި މީހާއަށް އިސްކަން ދިނުމުގެ ބަދަލުގައި އިސްކަން ދެވެނީ މަދުން ޕެޓްރޯލް އަނދާނެ ގޮތަކަށެވެ.

"ވަރަށް ގިނަ އިން ދިމާވާ މައްސަލައެއް ތީ. ދެން ބައެއް މީހުން އަހާނެ މީހަކު ނެގިޔަސް ހެޔޮ ހެއްޔޭ. އަހާފައި އެރުވީމާ މައްސަލައެއް ނެތް. އެކަމަކު ބައެއް މީހުން ހަމަ އަހާލުމަކާ ވެސް ނުލައި އެއް ދަތުރު ތެރެއިން އަނެއް ދަތުރު ނަގައި އަނެއްކާ ފުރަތަމަ ގޮސްދާނެ ފަހުން އަރާ މީހާ ބުނާ ތަނަށްވެސް. ކުރިން އެރި މީހާއަށް ކިހާ ވަގުތެއްތޯ މި ދަނީ،" ޓެކްސީގައި ގިނައިން ދަތުރު ކުރާ މީހަކު ބުނީ މިހެންނެވެ.

ޓެކްސީއަކުން މީހަކު ފައިބަނީ -- ފައިލް ފޮޓޯ

ފަސިންޖަރުންގެ ވާހަކަތައް މިހެން ހުރި އިރު ބައެއް ޑްރައިވަރުން ބުނީ ޓެކްސީއަށް ގުޅާ މީހުން ކަންތައް ކުރާ ގޮތުން ޑްރައިވަރުންނަށް ވެސް ބޭކާރުވެ، އެތައް ދުއްވުންތަކެއް ދުއްވަން ޖެހޭ ކަމަށާއި، ވަގުތުތަކެއް ވެސް ބޭކާރުވާ ކަމަށެވެ.

"ގުޅާއިރު ހުސްކޮށް އޮތިއްޔާ އެންމެ ކައިރީ އޮންނަ ކާރު މި ދަނީ. އެކަމަކު ގުޅި މީހާ ބުނި ތަނަށް ދާއިރު މީހަކު ނުހުރޭ. ބަރުގޮނު އަޅާއަޅާ ހަލާކުވާއިރު ވެސް ގިނަ ފަހަރު އެމީހަކު ނުފެންނާނެ. ނޯވޭ އެއްވެސް ގެރެންޓީއެއް ދާއިރު މީހުން ތިބޭނެ ކަމެއް. އަޅުގަނޑުމެންނަށް ވަކި ކުޑަ ގެއްލުމެއްތޯ މީ. ދެން މަގުމަތިން މީހަކު ފެނުނީމަ އެ ގެރެންޓީ އިނދޭ،" ފަސިންޖަރުންގެ އަމަލުތަކާ ހިތްހަމަ ނުޖެހިފައި ހުރި ޑްރައިވަރަކު ބުންޏެވެ.

ދެން އުފެދޭ ސުވާލަކީ ފަސިންޖަރުން އަމަލު ކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުންނަށް އުޒުރުދެއްކިދާނެތޯ އެވެ؟ ނޫނެކެވެ. ޓެކްސީ ގަވާއިދުގެ ނަމުގައި ޓެކްސީ ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ކަންތައްތަކެއް ވަނީ ލިޔެވިފައި އެވެ. އެއަށް އަމަލު ކުރުމަކީ ޓެކްސީ ކުރާ ފަރާތްތަކަށް ލާޒިމު ކަމެކެވެ.

ފުލުހުން ބުނީ، ހިންގާ ޓްރެފިކް އޮޕަރޭޝަންތަކުގައި އުސޫލާ ހިލާފަށް ބޯޑު ބަހައްޓާފައިވާ ކަމަށް ފާހަގަވާ ޓެކްސީތަކާމެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. ނަމަވެސް ބޯޑު ބަދަލު ކުރުވަން ފޫބުޑުގައި ފުލުހުން ތިބޭކަށް ނުޖެހެ އެވެ. ކޮންމެ ކަމެއްގެ ހައްލަކީ ޖޫރިމަނާ ކަމުގައި ވެސް ވާކަށް ނުޖެހެ އެވެ. ގާނޫނާ ގަވާއިދުތަކަށް އިހުތިރާމުކުރުމުގެ އިތުރުން، އެކަކު އަނެކަކަށް ވެސް އިހުތިރާމް ކުރާށެވެ. ތިމާއަށް ވާ ފައިދާއަށް ވުރެ، ތިމާގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމާ މެދު ވިސްނާލާށެވެ.