06 Mar 2016, 16:45
ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ މަގުތަކަށް ރާފުޅިތަކެއް އުކާފައި ވަނީ މީގެ ދެހަފްތާ ދުވަސް ކުރިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން މާލޭގެ މަގުތަކަށް ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކާރެއް ވަނީ އެކަން ހިނގި ދުވަސްނޫން އަނެއް ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކާރަކީ ބަނގުރާ އުކި ފަރާތްތަކުން ދުއްވި ކާރެވެ.
ކަޅުތުއްކަލާ ކޮށިން ފެށިގެން ދަރުބާރުގެއާއި މާލޭގެ އެކި ސަރަހައްދަށް ބަނގުރާ ފުޅިތަކެއް އުކާފައިވާ އިރު އެކަންކޮށްފައި ވަނީ ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދިޔަ ބަޔަކު ކަމަށް މަންޒަރު ދުށް މީހުން ސަންއަށް ކިޔައިދިނެވެ.
އެ ރޭ ވަނީ މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާ އުކާފައެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެއީ ހުޅުމާލޭގައި އޮތް ސަފާރީއަކުން މާލެ ގެނައި ފުޅިތަކެކެވެ. އެފުޅިތައް މަގުތަކަށް އުކާފައި ވަނީ، އެފުޅިތައް ހިފައިގެން ދިޔަ ކާރުގެ ފަހަތުން ފުލުހުން ހަރަކާތްތެރިވާން ފެށުމުންނެވެ.