26 Apr 2010, 11:55
14:30
ލާމަރުކަޒީ ބިލުގެ މަސައްކަތް ލަސްކުރަން އެންޑީޕީން ބޭނުންވަނީ އަމިއްލަ މަސްލަހަތަކަށްޓަކާ ޕާޓީއަށް ފައިދާވާ ކަންތައްތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށް ޑީއާރުޕީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ ލާމަރުކަޒީ ބިލް ލަސްކުރުމަށްޓަކާ ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް އެންޑީޕީން ލަސްކުރަން ބޭނުންވަނީ އެ ކަމުގައި އަމިއްލަ މަސްލަހަތު އޮވެގެން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެގޮތުން އަތޮޅުތަކުގައި އެމްޑީޕީން ބޭނުންވާ ބަޔަކު ނުފޫޒާއި ބާރުން މަގާމުތަކުގައި ބޭތިއްބުން ހިމެނޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ލާމަރުކަޒީ ބިލުގައި ޕްރޮވިންސް އުފެއްދުމާ މެދު މަޖިލީހުގައި ހިޔާލު ތަފާތުވެފައިވާތީ އެ ކަމުގައި ސުޕްރީމް ކޯޓްގެ ލަފައެއް ބޭނުންވާ ކަމަށް ބުނެ، މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ބެހޭ ގޮތުން ތަސްމީން ވިދާޅުވީ އެ ގަރާރަށް ޑީއާރުޕީން ތާއީދުނުކުރާ ކަމަށާއި ދިވެހި ރައްޔިތުން ތެރެއިން ގިނަ ބަޔަކު ބޭނުވަނީ ޕްރޮވިންސާ ނުލައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްގީކުރުން ކަމަށެވެ. އަދި ޕްރޮވިންސް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ދެކޮޅު ހަދާއިރު، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން އިތުރަށް ވިދާޅުވީ އެ ޕާޓީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކާ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ޕާޓީގެ ކައުންސިލުން ކުރަމުން އަންނަ ކަމަށާއި އެ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކާ އަތޮޅުތަކުގެ ގޮފިތަކާ ގުޅުން ބަދަހިކޮށް އާ ވިއުގަޔަކުން ގުޅާލާނެ ކަމަށެވެ.
ނޫސްވެރިންގެ އެ ބައްދަލުވުގައި ޑީއާރުޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އެ ޕާޓީގެ ކައުންސިލުން އައްޔަންކުރި އަބްދުއްރަޝީދު ނާފިޒާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އައްޔަންކުރި ހަސަން ރަޝީދު ވެސް ބައިވެރިވަޑައިގަތެވެ.