ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ހައްޔަރުކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހައިކޯޓުން މިއަދު އެގޮތަށް އަމުރުކޮށްފައި ވަނީ މުހުތާޒު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހުއެވެ.

ބަންދާމެދު ގޮތެއް ނިންމާ މައްސަލަތައް ކުރިއަށް ގެންދަނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ. އެހެންކަމުން އެ މައްސަލައިގެ އަޑުއެހުމަށް ނޫސްވެރިންނަށް ވަދެވިފައިނުވާތީ އެ ހުކުމާ ގުޅޭ ތަފްސީލީ މައުލޫމާތު އެނގިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މުހުތާޒު ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އޭގެފަހުން ޖެހިގެން އައި ދުވަހު މުހުތާޒުގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

އެފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ 15 ދުވަހަށް އޭނާ ޖަލުގައި ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފައެވެ.