ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ ކުރިއަށް ދިޔަވަގުތު އަދީބުގެ ހަގު އަނބިކަނބަލުން ދިރިއުޅުއްވި ގ. ހުމަށި ގެއަށް އެރޭ ދިޔަ ދެ މީހަކަށް ދެ ފިސްތޯލަ އާއި ތިން ވަޒަން އަދީބު ދައްކާފައިވާ ކަމަށް ބުނެ އެވެ.

އެމައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ތާވަލުކުރެވިފައި އޮތީ ހެކިބަސް ނެގުމެވެ. ނަމަވެސް ހެކިންގެ ތެރެއިން ބައެއް ހެކިންނަށް މިއަދު ކޯޓަށް ހާޒިރު ނުވެވުމުން، އެއްދުވަހާ ހެކިބަސް ނެގުމަށް ހެކިބަސް ނެގުން ފަސްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އިތުރު ލިއުމެއް ހުށަހެޅުމަށް ފުރުސަތަކަށް އެދިފަ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ފުލުހުންނާއި އެންމެއެންޑީއެފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށެވެ. އެލިޔުން ހުށަހެޅުމުން އަދީބުގެ ވަކީލުން ވިދާޅުވީ ހެކީގެ ގޮތުގައި ދެން އިތުރު އެއްޗެއް ހުށަހެޅޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މިއަދުގެ މައްސަލަ ނިންމާލަމުން ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ އެކަމާއި ބެހޭގޮތުން ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އަދީބު ވަނީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފަ އެވެ. އަދީބު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އެ ދައުވާ ސާބިތުކުރުމަށް ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

އޭގެތެރެއިން ދެ މީހުންނަކީ އަދީބުގެ ހަނގުއަނބިކަނބަލުން ދިރިއުޅުއްވި ގޭގައި އޭނާ ފިސްތޯލަ ގެންގުޅުނު މަންޒަރު ދުށް ކަމަށް ބުނާ ދެ މީހެކެވެ. އަދި ތިންވަނަ މީހާ އަކީ އެހެން ދުވަހެއްގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވި މަންޒަރު ފެނުނު ކަމަށް ބުނާ މީހެކެވެ. އަދީބުގެ ވަކީލު ވިދާޅުވެފައި ވަނީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށެވެ.