ބެއިޖިން (މާޗް 6):ޗައިނާއިން "ވަކިވުމުގެ" ފުރުސަތު ދެވަނަ ފަހަރަށް ޓައިވާނަށް ނުދެއްވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ދެކޭ ގޮތުގައި އަމިއްލަ ވެރިކަމެއް އުފައްދާފައިވާ ޓައިވާނަކީ ގަދަ ބާރު ބޭނުންކޮށްގެން ވެސް ޗައިނާގެ ދަށަށް ގެންނަން ޖެހޭ ޗައިނާގެ ޖަޒީރާއެކެވެ. ޓައިވާނުގައި ވަކި ވެރިކަމެއް އުފެދުނީ 1949ގައި ޗައިނާގެ ދާހިލީ ހަނގުރާމައިން އިދިކޮޅު ނޭޝަނަލިސްޓް ޕާޓީ ބަލިވުމުން، އެ ޕާޓީގެ ލީޑަރުން ފިއްލަވައިގެން ޓައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ.

"ދެވަނަ ފަހަރަށް" ޗައިނާ އާއި ޓައިވާން ވަކިވުމަށް ރައީސް ޝީ ވިދާޅު ވަނީ 1895ގައި ޖަޕާން ޓައިވާނަށް ވެރިވި ހާދިސާ އަށް ނިސްބަތްކުރައްވަ އެވެ.

"[ޗައިނާއިން] ވަކިވެ ޓައިވާން މިނިވަންވަންވާން ކުރާ މަސައްކަތްތައް އަޅުގަނޑުމެން ހުއްޓުވާނަން. އަދި ގައުމުގެ ވެރިކަމާއި ސަރަހައްދީ އެއްބައިވަންތަކަން ރައްކާތެރިކޮށް، ގައުމު ބައިބައިވި ހިތާމަވެރި ހާދިސާ އަނެއްކާ ކުރިމަތިވުމަށް ފުރުސަތު ނުދޭނަން،" ރައީސް ޝީ ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޓައިވާނުގެ ޑިމޮކްރަޓިކް ޕްރޮގެރެސިވް ޕާޓީ (ޑީޕީޕީ)ގެ މެމްބަރު، ސައި ވާން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެން ވެސް ޗައިނާ އިން ވަނީ ޓައިވާން މިނިވަން ދައުލަތަކަށް ވާން މަސައްކަތް ނުކުރުމަށް ބުނެ އިންޒާރުދީފަ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ޓައިވާނުގެ ފުރަތަމަ ރައީސާ، ސައި ވިދާޅުވީ، އެކަމަނާގެ ވެރިކަމުގައި ޗައިނާއާއި ޓައިވާނާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. (ރޮއިޓާސް)