06 Mar 2016, 15:18
މީގެ 19 އަހަރު ކުރިން ފިޝަރީޒު މިނިސްޓްރީން މަސްވެރި ކަމަށް ދޫކުރި ދޯނިތަކުގެ ތެރެއިން ދައުލަތަށް ފައިސާ ނުދައްކާ 49 ދޯންޏެއް ސަރުކާރަށް ނެގުމަށް ދޯނިތަކުގެ ވެރިފަރާތްތަކަށް ނޯޓިސް ފޮނުވައިފި އެވެ.
އެ ދޯނި ފަހަރުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަސްވެރިކަން ކުރުމަށް އާންމު ފަރާތްތަކަށް 1997 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ހިންގި މަސް ދޯނި ދޫކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ދޫކޮށްފައިވާ ދޯނިތަކެވެ. އޭގެ ތެރެއިން ސަރުކާރުން ވަނީ 75 ދޯންޏެއް ދޫކޮށްފަ އެވެ. އެ ދޯނި ފަހަރުތައް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުން އަގު ދައްކާ ހަލާސް ކުރާ ގޮތަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހާފިޒު "ސަން" އަށް މިއަދު ވިދާޅުވީ ފައިސާ ދެއްކުމަށް ދޯނި ފަހަރު ދޫކޮށްފައިވާ ފަރާތްތަކަށް ތަފާތު އެތަކެއް ފުރުސަތުތަކެއް ދެވުނު ކަމަށެވެ. އަދި މިހާރު އެ ދޯނިތައް ދައުލަތަށް ނެގުމުގެ ގޮތުން އެ ދޯނިތައް ދޫކޮށްފައިވާ ފަރާތްތަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ހާފިޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ ބުރެއްގެ މަތީން ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވިން. އެގޮތުން ފުރަތަމަ ފޮނީ 17 ފަރާތަކަށް. އޭގެ ތެރެއިން ހަތަރު ފަރާތެއް މިހާރު ވަނީ ފައިސާ ދައްކާ ހަލާސްކޮށްފައި. މިފްކޯގެ ދެ ސްޓޭޝަނެއް ރާއްޖޭގެ އުތުރާއި ދެކުނުގައި އެބަ އޮތް. ކޫއްޑޫއާ ފެލިވަރު. އެތަނުން ކޮންމެވެސް އެއް ބަނދަރަކަށް ގެންދިއުމަށް ވާނީ އަންގާފައި،" ހާފިޒު ވިދާޅުވި އެވެ.
ހާފިޒު ވިދާޅުވީ އެކި ގޮތްގޮތުން ތަފާތު ފުރުސަތުތަކެއް އެ ދޯނިތަކުގެ ވެރި ފަރާތްތަކަށް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ވަރަށް ގިނަ ފުރުސަތުތަކެއް އެކި ގޮތްގޮތުން ދީފައި. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކަށް އެހެން މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ބަދަލު ކުރުމަށް ފަހު ވެސް ފައިސާ ދެއްކޭނެ ގޮތް މިނިސްޓްރީން ހަދައިދިނިން. އަނެއްކާ ވަކި ވަރަކަށް ފައިސާ ދެއްކުމަށް ފަހު މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ވެސް ހުއްދަ ދިނިން،" ހާފިޒު ވިދާޅުވި އެވެ.
ދިގު މުއްދަތުގައި އަގު ދައްކައި ނިންމާ ގޮތަށް ފިޝަރީޒު މިނިސްޓްރީ އިން ދޫކުރި މަސް ދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2009 ވަނަ އަހަރު ދޯނީގެ އަގުގެ 50 ޕަސެންޓް ދައްކަވާފައިވާ ފަރާތްތަކަށް މަސްވެރިކަން ނޫން އެހެން ބޭނުންތަކަށް ދޯނި ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ.
"އަޅުގަނޑުމެން އެންމެ ފަހުން 21 ފަރާތަކަށް އަނެއްކާ ވެސް މިވަނީ ނޯޓިސް ފޮނުވާފައި. އޭގެތެރެއިން އެއް ފަރާތަކުން ވަނީ ފައިސާ ދައްކާ ހަލާސްކޮށްފައި." އޭނާ ވިދާޅުވި އެވެ.
ދޯނީގެ އަގުއަދާކުރުމަށް ދަތިވާ ފަރާތްތަކަށް، އެފަދަ ފަރާތްތަކާއި ފިޝަރީޒު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުސަތާއި ދޯނީގެ އަގަށް މިހާރު ނުދެއްކިވާ ޖުމުލަ އަދަދު ދެއްކޭނެ މުއްދަތެއް ދިނުމުން އެ މުއްދަތަކީ ސަރުކާރުން ގަބޫލުކުރެވޭ މުއްދަތަކަށްވާ ނަމަ އެގޮތަށް އެފަދަ ފަރާތާއި އެ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އިސްލާހުކޮށް ދިނުމުގެ ފުރުސަތު ވެސް 2010 ވަނަ އަހަރު ސަރުކާރުން ވަނީ ދީފަ އެވެ.